ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގާއްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ހާލަތާ އެންމެ ގުޅޭ، ރާއްޖެއަށް އެންމެ ފައިދާ ހުރި ވެކިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ބޮޑު އަގުލަބިއްޔަތަކުން ނިންމާފައި ވަނީވެސް ރިޔާސީ ނިޒާމަށް ކަމަށާއި، އެހެން ކަމުން ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތްކަން ވަރަށް ސާފު ކަމަށް މައުމޫން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެޙާލަތާއެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެނިޒާމަކީ ރިޔާސީނިޒާމު. ދިވެހިރައްޔިތުންގެ ބޮޑުއަޣްލަބިއްޔަކުންނިންމާފައިވަނީވެސް ހަމަ ރިޔާސީނިޒާމު. ވީމާ ބަރުލަމާނީނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށްސާފު.
— Maumoon Abdul Gayoom (@maumoonagayoom) July 6, 2021
ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވުދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ރޭ ބޭއްވި “އާސްކް ސްޕީކާ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، މީގެ ކުރިން ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައިވެސް އެ މަނިކުފާނު ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ.