Wed, 20 October, 2021, 5:35 am
ހިތްވަރުގަދަ މައެއްގެ ވާހަކަ ---

ހަގީގީ ހާދިސާ: ހިތްވަރުގަދަ މައެއްގެ ވާހަކަ – 1

Share on twitter
Share on facebook
Share on twitter
Share on facebook

އަޅުގަނޑުގެ އާއިލާއަކީ ރަށްފުށުގެ ނިސްބަތުންވެސް ވަރަށްވެސް ނިކަމެތި ދިރިއުޅުމެއް އުޅެމުންދާ ޢާއިލާއެކެވެ. އަޅުގަނޑުގެ ދެމަފިރިންގެ ކައިވެންޏަށް 05 ދަރިން ލިބިފައިވެއެވެ. ދޮށީ ދަރިފުޅުގެ ޢުމުރަކީ ގާތްގަނޑަކަށް 15 އަހަރެވެ. އަޅުގަނޑުގެ ފިރިމީހާ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަކީ ބޯޓްދަތުކުރުކުރުމުގެ މަސައްކަތެވެ. ނަމަވެސް ކަންދިމާކުރިގޮތުން ދިމާވި ހިތާމަވެރި އެކްސިޑެންޓް ހާދިސާއެއްގައި ޢާއިލާގެ ޒިންމާ ނަގައިގެން މަސައްކަތްކުރަމުންދިޔަ ދަރިންގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވިއެވެ. އެހެންކަމުން އަޅުގަނޑުގެ ދިރިއުޅުން އިތުރަށް ނިކަމެތިވއެވެ. އަޅުގަނޑު ހުވަފަތްވިއެވެ.

އަޅުގަނޑުގެ ފިރިމީހާ ނިޔާވިތާ އަހަރެއްވީތަނާ އެއްދުވަހަކު އަޅުގަނޑުގެ މެދަށް ހުންނަ ޢުމުރުން 8 އަހަރުގެ ފިރިހެން ދަރިފުޅު ކުޅެންދާވެގެން އަޅުގަނޑުގެ ކައިރީ ބުންޏެވެ. ދުވަހަކީ އާދައިގެ މަތިން މޫސުމް ރީތި އަވިދޭ ދުވަހެކެވެ. ރަށުގައި މީހުން ދިރިއުޅެމުންދަނީ ރަށުގެ ވަރަށް ކުޑަ ސަރަހައްދެއްގައެވެ. ރަށުގައި ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ނެތުމުން ގިނަ މީހުން ރަށް ދޫކޮށް އުޅެނީ މާލޭގައެވެ. ގިނަ ގެތައް ހުންނަނީ ފަޅަށެވެ. ރަށުގެ ޢާއްމު ދިރިއުޅުމަކީވެސް އާދައިގެ ދިރިއުޅުމެއް އުޅޭ މީހުންނެވެ. ރަށުގެ ހަގު އުމުރު ފުރައިގެ ކުދިން ޢާއްމުގޮތެއްގައި ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި ރަށުގައި ފަޅަށް ހުންނަ ގެއަކަށް ކުޅެން ގޮސް އުޅެއެވެ. އެހެންކަމުން އަޅުގަނޑުވެސް ދަރިފުޅުގެ ފޫހިފިލުވަން ކުޅިވަރު ކުޅެން ދިއުމަށް ހުރަހެއް ނާޅަމެވެ. އެދުވަހުވެސް ދަރިފުޅާއި އެއްޢުމުރު ފުރައެއްގެ 6 ވަރަކަށް ކުދިން ދަރިފުޅާއެކު ކުޅެންދިޔައެވެ. އާއްމުކޮށް މިކުދިން ކުޅެ އުޅެނީ ހިރިޔޯ ޕަޗަސްއެވެ. އަދި މިކުދިން ކުޅެންގޮސް އުޅޭނީ އަބަދުވެސް ފަޅުގެއެއްގެ ތެރޭގައެވެ. އެގެއަކީ ރަށުގެ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ހުންނަ ގެއެކެވެ. މިހިސާބުގަނޑުގައި ގެތައް ހުއްޓަސް މީހުންނެއް ނޫޅެއެވެ. އެގޭތަކުގެ މީހުން މީގެ ކުރިން ވަނީ އެހެން ރަށްރަށަށް ހިޖުރަކޮށްފައެވެ. އަދި އެގެއަކީ އަޅުގަނޑުގެ ތިމާގެ މީހެއްގެ ގެއެއް އެގެ ސާފްކޮށް ބަލަހައްޓަނީވެސް އަޅުގަނޑެވެ. އަދި ކުޅެންދަނީވެސް އެކުދިން ނިސްބަތްވާ ގޭދޮށު އަވަށްޓެރި އެކުދިންގެ ޢުމުރުފުރައިގެ ކުދިންނާއެކުގައެވެ. އެގޮތުން އެކުދިން ސްކޫލަށް ދިއުމުގެ ކުރިން އާއްމުގޮތެއްގައި މޫދަށް އެރިލާ މަޖާކޮށް ހެދުމަކީ އެކުދިންގެ މެދުގައި އޮންނަ ވަރަށް އާދަޔާހިލާފް އެކުވެރިކަމުގެ ގާތްގުޅުންތަކެއް ދައްކުވައިދޭ ކަމެކެވެ.

އެހެން ނަމަވެސް އެދުވަހު ކުޅެންދިޔަ ކުދިންގެ ތެރޭގައި ހިމެނޭ އަޅުގަނޑުގެ 8 އަހަރުގެ ފިރިހެން ދަރިފުޅު އެދަރިފުޅުގެ ބައްޕަ ނިޔާވުމުގެ ކުރިން ގަނެދީފައިވާ އީދު ހެދުން ލައިގެން ކުޅެން ދިއުމަށް ބޭނުންވެގެން އާދޭސް ކުރިއެވެ. އެދުވަސްވަރަށް ބަލާއިރު ކުޑަކުދިން މިފަދަ ދުވަސްވަރު ނަލަ ހެއްދުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށްވެސް މުހިންމު ދުވަހެކެވެ. އެގޮތުން މިފަދަ ހެދުމެއް އެއިން ކުއްޖަކަށް ލިބުމުން އެހެދުން ފޮރުވާ ރައްކާކޮށްގެން ގެންގުޅުމަކީ އެކަމުގައި އެކުދިންގެ ހިތްތަކުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދޭކަމެކެވެ. އަދި އެކުދިންގެ މައިންބަފައިންގެ އުންމީދުތަކެއްވެސް އެކަމުގައި އެކުލެވޭކަމެކެވެ. ހާއްޞަކޮށް އަޅުގަނޑު ފަދަ ނިކަމެތި އާއިލާއަކަށް އެފަދައިން އަންނައުނު ރައްކާކޮށްގެން ގެންގުޅުމަކީ އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި އެކަމުން އަޅުގަނޑު ފަދަ ނިކަމެތި މައިންގެ ހިތްދަތި އަސަރުތަކެއް ކުރުވާ ކަމެކެވެ. ކޮންމެއަކަސް މިދެންނެވި ދުވަހު އަޅުގަނޑުގެ ދަރިފުޅު ކުޅެންދާން ބޭނުންވީ ކުރިން ބުނިހެން ބައްޕަ ހޯދާދެއްވި އާހެދުން ލައިގެން ކަމަށް ދަރިފުޅު ބުންޏެވެ. އަދި ދަރިފުޅު މިހެދުން ލައިގެން ކުޅެން ދިއުމަށް އާދޭސް ކުރަމުންދިޔއެވެ. އެވަގުތު އަޅުގަނޑުގެ ހިތަށް އާދަޔާހިލާފް އިހްސާސްތަކެއް ކުރުވިއެވެ. ސަބަބަކީ ވަގުތަކީ ހެނދުނުގެ ވަގުތަކަށްވެފައި، ދުވަހަކީ އާދައިގެ ދުވަސްތަކުގެ ތެރެއިން ދުވަހަކަށްވެފައި އެހެދުން އެޅުމުގެ އެއްވެސް ހާއްޞަކަމެއް އެދުވަހު ނެތުމުންނެވެ. އަދި ކުޅިވަރެއް ކުޅެން ދާއިރު އެފަދައިން އާ ހެދުން އަޅައިގެން ނަލަހެދިގެން ދިއުމަށް އެދުމުން އެކަމުގައި ސުވާލުތަކެއް އުފެދުނެވެ. އަދި އަޅުގަނޑުގެ ހިތަށް ބުނަން ނޭގޭ ކަހަލަ އިހްސާސްތަކެއް ކުރުވިއެވެ. އެއީ އަޅުގަނޑަކީ އެދަރިފުޅުގެ މަންމަ ކަމަށްވާތީއެވެ.

ކޮންމެއަކަސް ދަރިއެއްގެ އެފަދަ އާދޭހަކަށް މައެއްގެ ލަގޮނޑިއަށް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން އެކަމަށް އަޅުގަނޑު އެއްބަސްވުމުން ދަރިފުޅު ދިޔައީ ބައްޕަ ހޯދާދެއްވި އާހެދުން ލައިގެން އެގެއަށް ކުޅޭށެވެ. ދަރިފުޅު ކުޅެން ދިއުމުން އަޅުގަނޑު ގޯތިތެރޭގައި ދުވަހުގެ މަސައްކަތާއިގެން މަސްއޫލުވެ އުޅެމުންދިޔައީމެވެ.

ނަމަވެސް އެދުވަހުގެ ހެނދުނު ގަޑިން 11:00 ހިނގި ވަގުތެވެ. އަޅުގަނޑުގެ ދަރިފުޅު މަރައިފިޔޭ ބުނެ ގޭދޮށު އަވަށްޓެރިއަކު އެޚަބަރު އަޅުގަނޑަށް ދިނެވެ. (ނުނިމޭ)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.