Wed, 20 October, 2021, 5:36 am
ހިތްވަރުގަދަ މައެއްގެ ވާހަކަ ---

ހަގީގީ ހާދިސާ: ހިތްވަރުގަދަ މައެއްގެ ވާހަކަ – 2

Share on twitter
Share on facebook
Share on twitter
Share on facebook

އަޅުގަނޑުގެ ކަންފަތުގައި ޖެހުނު އަޑުން އަޅުގަނޑުގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ނަމަވެސް އެދަރިފުޅުގެ ހައްޤުގައި އަޅުގަނޑުގެ ބޮލުގެ ހުޅި އައްސާލަމުން ކަނޑިކިއާއި ލިބާހާއިއެކު އަރުވާޖަހަމުން އިތުރު އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އަޅުގަނޑު ދުއްވައިގަތީ ދަރިފުޅު ކުޅެންދިޔަ ކަމަށްބުނި ގެއާއި ދިމާލަށެވެ. އަޅުގަނޑާއިއެކު ރަށުގެ ބައެއް މީހުންވެސް ފަހަތުން ދުވަމުން އެގޭދޮށަށް ދިޔައެވެ. އަޅުގަނޑުގޮސް އެގެއަށް ވަތްއިރު އެގޭތެރޭގައި އަޅުގަނޑުގެ ލޯބިވާ ދަރިފުޅު ހަރަކާތް ހުއްޓެމުން ދިޔަތަން ފެނުނެވެ. އަދި އަޅުގަނޑާއި ދިމާލަށް ދަރިފުޅު ބަލަހައްޓައިގެން ކަހަލަ ގޮތަކަށް ލެއިން ކަޅިވެފައި އޮއްވާ އަޅުގަނޑަށް ފެނުނެވެ. އެވަގުތު ދަރިފުޅާއޭ ބުނެ އަޅުގަނޑަށް ހަޅޭއް ލަވައި ގަނެވުނެވެ. އަދި އަޅުގަނޑަށް ގިސްލާފައި ރޮވެންފެށިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އަޅުގަނޑު ދުވެފައިގޮސް ދަރިފުޅުގެ ގާތުގައި ދެކަކޫމައްޗަށް ތިރިވެ އަޅުގަނޑުގެ އުނގުމައްޗަށް ދަރިފުޅު ނެގީމެވެ. ދަރިފުޅު އޮތް ހިސާބް އެއްކޮށްހެން އޮތީ ލެއިން ބިންގަނޑު ފޯވެފައެވެ. އޭރުވެސް ދަރިފުޅުގެ ގައިން ލޭތައް އޮހޮރެމުންދިޔައެވެ. ދަރިފުޅުގެ ގަޔަށް ހަމަލާދީފައިވަނީ ކޮންތަނަކަށްކަން ނޭގޭވަރަށް ހަށިގަނޑުގެ އެތަން މިތަނުން ލޭތައް އޮހޮރި އަޅުގަނޑުވެސް ލެއިން ކަޅި ވެގެންދިޔައެވެ.

އަޅުގަނޑު ދަރިފުޅުގެ މޫނަށް ބަލާލިއިރު ލޯހުޅުވައިގެން އަޅުގަނޑާއި ދިމާލަށް ދަރިފުޅު ބަލަން އޮތެވެ. އަނގަވަނީ ދެމިޔަކަނުން ފެށިގެން ކަންފަތާއި ހަމައަށް ކަފާލާފައެވެ. މޫނުމައްޗަށާއި، ހަށިގަނޑުގެ އެތަން މިތަނަށް ތޫނުއެއްޗަކުން ހަމަލާދީ އެތައް ގިނަ ޒަހަމްތަކެއް ދީފައިހުއްޓެވެ.

މާތްﷲ އަޅުގަނޑަށް ދެއްވި ކެތްތެރިކަމާއި ސާބިތުކަންމަތީ ދެމިހުރެ އިތުރު މީހެއްގެ އެހީއެއް ލިބުމަށް މަޑުކުރުމެއް ނެތި ވަގުތުން ދަރިފުޅު އަތްދަނޑިމައްޗަށް ނަގައިގެން ރަށުގެ ބަދަރާއި ވީދިމާލަށް ދުވެފައި ދިޔައީމެވެ. އަދި އެދިމާލުން މޫދަށް އެރުނީމެވެ. އަދި މޫދަށް އެރިގެންދިޔައީ އެސަރަހައްދުގައި އޮތް ބޮއްކުރައަކަށް ދަރިފުޅު ލައިގެން އެދިމާލުން ބޭރުގައި އޮތް މާލެއަށް ދަތުރުކުރާ ބޯޓަކަށް ލައިގެން ދަރިފުޅު އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަޤްޞަދުގައެވެ. އެއިރުވެސް ދަރިފުޅުގެ ފުރާނަ ހުރިކަން ދަރިފުޅުގެ ބައެއް ހަރަކާތްތަކުން ފާހަގަކުރެވުނެވެ. ރަށުގެ ބައެއް މީހުންގެ އެހީތެރިކަމާއިއެކު ބޮއްކުރާގައި ފަލިޖަހާފައި ގޮސް ދަރިފުޅު އެ ބޯޓަށް އެރުވީމެވެ. ނަމަވެސް ބޯޓަށް އެރުވުމާއެކުހެން އަޅުގަނޑުގެ އަތްދަނޑިމަތީގައި އޮތް ދަރިފުޅު މިދުނިޔެ ދޫކުރިއެވެ. އެދަރިފުޅުގެ އެންމެ ފަހުނޭވާ އަޅުގަނޑުގެ ހަށިގަނޑުގައި ބީއްސާލި ހާލު މިދުނިޔެއާއި އަލްވަދާޢުކިއެވެ. އެހިސާބުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލިއެވެ. އަދި ގިސްލަ ގިސްލާފައި އަޅުގަނޑަށް ރޮވުނެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހުރުނެވެ. އެއީ އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. މިހާރުވެސް މިކަން ހިތަށް އަރާފަ އަޅުގަނޑަށް ރޮވެއެވެ. ދެރަވެއެވެ. މާތްﷲ އަޅުގަނޑުގެ އެ ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން……….( ނިމުނީ)

މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ އަމަލުތަކުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޅަ ދަރިން ސަލާމަތްކުރެވޭނީ މިފަދަ ވިޔާނުދާ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްޤު އަދަބު ދީގެންނެވެ…..

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.