Wed, 20 October, 2021, 6:14 am
ތިން މައިން ރޫހާނީ ބިރުވެރިކަމެއްގެ ތެރޭގައި --

ހަގީގީ ހާދިސާ: ތިން މައިން ރޫހާނީ ބިރުވެރިކަމެއްގެ ތެރޭގައި – 1

Share on twitter
Share on facebook
Share on twitter
Share on facebook

މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގައި އިހުޒަމާނުއްސުރެން ފެށިގެން ސިހުރު ހާހޫރަ ހެދުމުގެ ނުބައި ޢަމަލުތައް ހިންގަމުން ދިޔައެވެ. ބައެއް ފަހަރު ޒާތީ ހަސަދައެއް ފިލުވާލުމުގެ ބޭނުމުގައެވެ. ނުވަތަ އަނެކާގެ ކުރިއެރުމަށް ހުރަސް އެޅުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި ކޮންގެން ވާނެކަމެއް ނޫނެވެ. މިއީ މިފަދަ ހާދިސާއެކެވެ.

ފަހީމާ {އަސްލު ނަމެއް ނޫން} އަކީ ރާއްޖޭގެ އުތުރުގެ ރަށެއްގައި ސާދާ ދިރިއުޅުމެއް އުޅެމުންދާ އަންހެނެކެވެ. ފަހީމާއާއި އޭނާގެ ފިރިމީހާ އާދަނުގެ {އަސްލު ނަމެއް ނޫން} ކައިވެންޏަށް 2 އަންހެން ކުދިން ލިބިފައިވާއިރު އެ ކުދިންވެސް ވަނީ ފުރާ ފުރިހަމަވެފައެވެ. އެއީ ދޮށީ އަންހެން ދަރިފުޅު ޒާރާ {އަސްލު ނަމެއް ނޫން} އާއި ޒާނާ { އަސްލު ނަމެއް ނޫން} އެވެ. މި އާއިލާއަކީ ރަށުގެ ގަދަރުވެރި އާއިލާއެކެވެ. ނަމަވެސް މިކަމަށް ހަސަދަވެރިވެ ފާރަވެރިވާ ބަޔަކު އެރަށުގައި އުޅެމުންދެއެވެ. ކަންތައް ވަމުން ދިޔައީވެސް މި ބުނި ގޮތަށެވެ. އެއާއިލާ ނެތިކޮށްލަން މީހަކު މަސައްކަތް ފެށިއެވެ. އެކަމުގެ ކޮޅުމަތި ފަހީމާއަށް ފެންނާކަށް މާކަ ގިނަ ދުވަހެއް ނުނެގިއެވެ.

އެއީ މީގެ 5 ވަރަކަށް އަހަރު ކުރިއެވެ. ފަހީމާ ދިރިއުޅޭ ގޯތީގައި އޮންނަ ހުސް ބިމުގައި ތަފާތު ބާވަތްތަކުގެ ގަސްތައް ހައްދާފައި ވެއެވެ. އެތަނުން އެއް ގަހަކީ ބަކުކެޔޮ ގަހެވެ. އެއް ދުވަހަކު އިރު އޮއްސުނު ގަޑީގައި ފަހީމާ ގޯތި ތެރޭގައި ހުއްޓާ ފެނުނީ ބަކުކެޔޮ ގަހަށް ވާތަކެއް ތިރިކުރާ މަންޒަރެވެ. މަދެއްކަ ބައިވަރެއް ނޫނެވެ. މި މަންޒަރު ފެނުމުން ފިރިމީހާ ގާތު މި ވާހަކަ ބުންޏެވެ. އަދި ޖެހިގެން އައި ދުވަހު ރަށުގެ ބައެއް މީހުން ފަހީމާ އެ ދައްކާ ވާހަކައިގެ ދޮގުތެދު ބަލަން އިރުއޮއްސޭ ދަޅަމައްޗަށް އެ ބަބުކެޔޮ ގަސްދޮށަށް ޖަމާވިއެވެ. ކަމަކުދާކަށް ނެތެވެ. ފަހީމާ އެ ބުނީ ހަމަ ތެދެކެވެ. ދުވަހަކު ނުފެންނަ ވަރަށް އެ ބަބުކެޔޮ ގަހަށް ވާ ތިރިކޮށްފިއެވެ. މި ވަނީ ކީއްބާއޭ އެ މީހުން ހިތަށް އެރިއެވެ. ނަމަވެސް މާ ބޮޑުކަމަކަށް ނުހަދާ އެ މީހުން އެތަނުން ދިޔައެވެ.

އެ ގަސްދޮށަށް އެއްވި މީހުން ދިޔަތާ މާ ގިނައިރުތަކެއް ނުވެއެވެ. ފަހީމާ ކުއްލިއަކަށް ބޮލަށް އެނބުރުން އަރައި ބިންމައްޗަށް ވެއްޓުނެވެ. މި މަންޒަރު އާދަނަށް ފެނިގެން ފަހީމާ ނަގައިގަނެގެން ގޮސް ގެއަށް ވެއްދިއެވެ. އަދި އެނދުގައި ބޭއްވިއެވެ. އެވުތު ފަހީމާގެ ހަށިގަނޑަށް ގޮތް ނޭގޭ ރޫހާނީ ބާރުތަކެއް އަރަން ފެށިއެވެ. އަދި އަތްފަޔަށް ވާންވެ ދެލޯ ބޮޑުކޮށް އާދަނާއި ދިމާލަށް ބަލަން އޮތެވެ. ފަހީމާއަށް މިހެން ދިމާވުމުން އާދަނު ބިރުގަތެވެ. އަދި ގޯހެއް އެބަ އުޅޭހެން އާދަނަށް ހީވާން ފެށިއެވެ. ނަމަވެސް އިޝާ ނަމާދަށް ބަންގި ގޮވުމާއެކު ފަހީމާއަށް ހޭވިރިކަން ވިއެވެ.

ޖެހިގެން އައި ރެއެވެ. އިރުއޮއްސުމާއެކު ރޭގަ ވީގޮތް ފަހީމާއަށް ވާން ފެށިއެވެ. އަދި ކުއްލިއަކަށް އޭނާގެ ދޮށީ އަންހެން ދަރި ޒާރާއަށްވެސް މި ހެން ވާން ފެށިއެވެ. ދެ މައިން އެހާލުގައި އޮތްތަން ފެނުމުން އާދަނު ބިރު ގަތެވެ. މިއީ ޖިންނި ސައިތާނުންގެ ކަމެއް ކަމަށް ހީކުރިއެވެ. ވަގުތުން ގެއިން ނިކުމެގެން ދިޔައެވެ. އަދި ރަށުގެ ރުޤުޔާ ކިޔަވާ މީހަކާ ބައްދަލުކޮށް މިވާހަކަ ކިޔައިދިނެވެ. އަދި އެ މީހާ ގޮވައިގެން ގެއަށް އައެވެ. އޭރުވެސް އެ ދެމައިން އޮތީ އެފަހަދަ ހާލަތެެއްގައެވެ. ފެންނަ މީހަކުވެސް ބިރުގަންނާނެއެވެ. އަތްފައި ބުޅިކޮށް ދެ ލޯ ބޮޑުކޮށްގެން މައްޗަށް ބަލަން އެ ދެމައިން އޮތްތައް ރުޤުޔާ ކިޔަވާ މީހާއަށް ފެނުމުން މިއީ ޖިންނި ކަމެއް ކަމަށް ބުންޏެވެ. އަދި އެ ދެމައިން ރަނގަޅު ކުރުމަށް ފެން ތައްޓެެއްް ކިޔަވައި ދެ މައިންގެ މޫނުގައި އުނގުޅިއެވެ. ފެން އުނގުޅުމާއެކު ދެ މައިންނަށް ހޭވެރިކަން ވިއެވެ. އެހެންކަމުން މި ކަމުން މި ދެ މައިން ސަލާމަތް ކުރުމަށް ރުޤުޔާ ކިޔަވާ މީހާއަށް ކުރެވުނުހާ ކަމެއް ކޮށްދޭނެ ކަމަށް ބުނެ މާދަމާ ރޭ ވެސް އަންނާނެ ކަމަށް ބުނެފައި އެ މީހާ އެ ގެއިން ނިކުމެގެން ދިޔައެވެ.

ފަހީމާއަށް މިކަމެއް ދިމާވާތާ ތިންވަނައަށްވީ ދުވަހެވެ. ޖެހިޖެހިގެން ދެ ރޭ މިހެން ދިމާވުމުން ތިންވަނަ ރޭ ވާނެ ގޮތަކާއި މެދު ފަހީމާ ފިކުރު ބޮޑުވެފައި އިންދާ މަޤުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ. އެހެންކަމުން ވުޟޫ ކޮށްލައިގެން ނަމާދަން އަރަން ކަމަށް ހިތާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމާއެކު ފަހީމާއަށް ގޮތްތަކެއް ވާން ފެށިއެވެ. މި މަންޒަރު އާދަނަށް ފެނުމާއެކު ފަހީމާ ގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. އެވަގުތު ޒާރާ ހަޅޭއްލަވައިގަތް އަޑުއިވުނެވެ. އާދަނު އަވަސް އަވަހަށް ކޮޓަރިން ނިކުތްއިރު ޒާނާ އޮތީ ދެލޯ ބޮޑުކޮށްގެން ޒާރާއަށް ބަލާށެވެ. އޭރު ޒާރާގެ ގައިން ވަރު ދޫވެގެން ވެއްޓެނީއެވެ. އާދަނު ބަލާކަށް ނުހުރެ ޒާރާ ނަގައި ސިޓިންގ ރޫމްގެ ސޯފާގައި ބޭއްވިއެވެ. ޒާނާ އޮތީ ސިޓިންގ ރޫމްގެ ތަޅުންގަނޑު މަތީގައެވެ. އާދަނު ފިކުރު ބޮޑުވެ ގޮތް ހުސްވިއެވެ. ތިންމައިންގެ ހާލު ފެނި މާޔޫސްވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ރުޤުޔާ ކިޔަވާ މީހާއަށް ގުޅައި ތިން މައިންގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ.

(ނުނިމޭ)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.