Tue, 18 January, 2022, 4:17 am
ބައްޕައާ ހެދި ޖިންނީންނާ ހަނގުރާމަ ކުރި އަންހެނެއް ---

ހަގީގީ ހާދިސާ: ބައްޕައާ ހެދި ޖިންނީންނާ ހަނގުރާމަ ކުރި އަންހެނެއް – 1

Share on twitter
Share on facebook
Share on twitter
Share on facebook

މިއީ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އިންސާނުންނެކޭ އެއްފަދައިން ޖިންނި ޝައިތާނުންނަކީވެސް މާތްﷲ އުފައްދަވާފައިވާ މަޚުލޫގުންނެވެ. ބައެއްފަހަރު ޖިންނި ޝައިތާނުންގެ ކިބައިން އިންސީންނަށް އުނދަގުލާއި ގެއްލުން ކުރިމަތިވެއެވެ. ނަމަވެސް ޖިންނީންގެ ކިބައިން ރައްކާތެރިވުމަށް އިންސީންނަށް ކުރެވޭނެ ކަންކަން ވަނީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައެވެ.

އަހަރެންނަކީ މާލޭގެ އުތުރު ރަށަކަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ދިރިއުޅެނީ މާލޭގައެވެ. މީލާދީން 2010 ވަނަ އަހަރު ގްރޭޑް 12 ގައިކިޔަވާ ނިންމާލުމަށްފަހު ވަޒީފާއެއް ލިބޭތޯ މަސައްކަތް ފެށީމެވެ. މިގޮތުން އަހަރެންނަށް ތިލަފުށީގައި ހުންނަ އޮފީހަކުން ވަޒީފާއެއް ލިބުނެވެ. ނަމަވެސްއެތަނުގައި އޭރު އޮންނަނީ ޝިފްޓް ޑިއުޓީއެވެ. ބައެއްފަހަރު ދަންވަރު ޑިއުޓީގައިވެސް އުޅެން ޖެހެއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް 2012 ޑިސެމްބަރު 27 ވަނަ ދުވަހުގެ ރޭ އަހަރެން ސްކޫލު ދައުރުގައިވެސް ރައްޓެހިވެގެން އުޅުނު މަރީ އާއި ކައިވެނިކޮށްފީމެވެ. ކައިވެނިކޮށްގެން ދިރިއުޅެނީ މަރީމެން ގޭގައެވެ. މަރީއަކީ ކިޔަވައިގެން ހުރި ކުއްޖެއް ނޫން ނަމަވެސް މަރީ ވަރަށް ރަނގަޅެވެ. އޭނާގެ ފުށުން ގޯސް ސިފައެއް ނުދެކެމެވެ. ބުރުސޫރަ ރީތި ދޮން ކުއްޖެކެވެ. ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. މަރީގެ ރައްޓެއްސެއްގެ ފުށުން މަރީއަކީ ކުރިން ވަރަށް ވިޔާނުދާ އުޅުމެއް އުޅެމުން ދިޔަ ކުއްޖެއްކަން އެގުނެވެ. އަދި މަރީއަކީ ޖިންނި މޮޔަވާ ކުއްޖެކޭވެސް ގާތް ރައްޓެހިން ބުނަން ފެށިއެވެ. ނަމަވެސް މާބޮޑަށް އަހަރެން އެވާހަކަތަކެއް ޤަބޫލެއް ނުކުރަމެވެ. އެއީ އަހަރެންނަކީވެސް ސްކޫލު ދުވަސްވަރު ވަރަށް ގިނައިން ރުޤުޔާ ކިޔަވާ މީހުންނާއިއެކު ޖިންނި މޮޔަވެފައި ތިބޭ ކުދިންގެ ގޭގެއަށް ގޮސް އެކުދިން ރަނގަޅުކުރުމުގައި އުޅެފައި ހުރި މީހަކަށްވާތީއެވެ. އެހެން ނަމަވެސް މަރީގެ ކިބައިން އެފަދަ ނިޝާނެއް ހުރިތޯ ބަލައިލަން އަހަރެން ބޭނުންވިއެވެ. މިގޮތުން އެއްރެއަކު މަރީއާއި ވާހަކަދައްކަމުން ދިޔައިރު މަރީގެ ލޯ ކައިރި ވަރަށް ބޮޑަށް ކަޅުވެފައި ހުއްޓާ ފެނުނެވެ. އެދުވަހުން ފެށިގެން ކޮންމެވެސް ވަރަކަށް މަރީއާއި ދޭތެރޭގައި ވިސްނަން ފެށުނެވެ. ނަމަވެސް އަހަރެން މަރީ ކައިރީ އެއިން އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެއީ އޭނާވެސް މިފަދަ ވާހަކައެއް ދައްކާފައި ނުވާތީއެވެ.

ކައިވެންޏަށް މަހެއް ފުރިއްޖެއެވެ. އެއްރެއަކު އަހަރެން ނިދާފައި އޮއްވާ އެއްޗެއް ވެއްޓުނު އަޑަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އޭރު މަރީ އޮތީ ނިދާފަައެވެ. އެހެންވެ މަޑުމަޑުން ކޮޓަރިން ނިކުމެ ބޭރު ގޭތެރެ ބަލައިލިއިރު މަރީގެ ބައްޕަ ސައިކުރައަކަށް ފެން އަޅައިގެން ތުންތަޅުުވަމުން މުޅި ގޭތެރެއަށް ފެން އަޅަމުންގެންދެއެވެ. އަދި ބައްޕަ ގަޔަށް އެއްޗެއް ނުލާ ހުރުމުން ބައްޕަގެ އުނަގަނޑުގައި އައްސާފައި އޮތް ތަވީދެއް އަހަރެންނަށް ފެނުނެވެ. އެމަންޒަރު ފެނުނު ނަމަވެސް އަހަރެން މާބޮޑަށް އެކަމާއި އަޅާނުލާ އެނބުރި ކޮޓަރިތެރެއަށް ވަދެ ނިދަން އޮށޯތީމެވެ. މިގޮތަށް ކޮންމެ ރެއަކުވެސް މަރީގެ ބައްޕަ ގޭތެރެއަށް ފުމެ ފެންއަޅަން ފެށުމުން އެއްރެއަކު އަހަރެން މަރީގެ ބައްޕައާއި ސުވާލުކުރީމެވެ. ސުވާލުކުރުން ބައްޕަ ބުނީ އެއީ ގޭތެރެއަށް ހޫނުވާތީ ފިނިކޮށްލަން ކުރާކަމެއް ކަމަށެވެ. ނަމަވެސް ބައްޕަގެ އަމަލުތައް މިހެން ހުރުމުން އަހަރެންގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އަދި ގިނަވަގުތު މިކަމާއި ވިސްނަން އިދެވެއެވެ. އެހެނަސް މިކަމާ ބެހޭގޮތުންވެސް މަރީއާއި އެއްވެސް ސުވާލެއް ނުކުރަމެވެ. މިގޮތުގައި ދެހަފްތާ ވޭތުވެދިޔަތަނާ އެއްރެއަކު ދަންވަރު އަހަރެން ގެއަށް ވަތްއިރު ގޭގެ އޮޅިގަނޑު ދޮށަށް ބައްޕަ ދޮންވެލި އަޅަން އޮއްވާ ފެނުނެވެ. އަހަރެން އިތުރަށް ބިރުގަތެވެ. އަދި ބައްޕަގެ އަމަލުތައް މިހެން ހުރުމުން އަހަރެން ވިސްނީ މި ގެ ދޫކޮށް ވަކިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެތަނަށް ބަދަލުވުމަށެވެ. ވަކިން ދިރިއުޅުމަކީ އަހަރެން ބޭނުންވާ ގޮތްކަމަށްވުމުން މަރީވެސް މިކަމަށް އެއްބަސްވިއެވެ. އެހެންކަމުން ޖެހިގެން އައި މަހު އަހަރެން ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެތަނަށް ދިރިއުޅުން ބަދަލުކުރީމެވެ. އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައެވެ. ނަމަވެސް ކަންތައްތައް މެދުވެރިވީ އަހަރެން ހީކުރިގޮތާއި ވަރަށް ތަފާތުކޮށެވެ.

އަހަރެން ހަވީރު ޑިއުޓީ ނިންމާފައި ގެއަށް އަންނަ ރޭރޭ މަރީ ވާހަކައެއް ނުދައްކައެވެ. މޮޔައެއް ފަދައިން އަމިއްލަ ނަފްސާއި ވާހަކަދައްކާ، ހީސަމާސާކޮށް މޮޔައެއްޗެހިވެސް ކިޔަން ފެށިއެވެ. އަދި ރުޅިވެރިކަމާއިއެކު ޒުވާބުކޮށް ހަޅޭއްލަވާ ހަދައެވެ. މިއީ ކުރިން މަރީ އުޅުނުގޮތެއް ނޫނެވެ. އެހެންވެ އަހަރެން ބިރުގަންނަ ގޮތްވިއެވެ. އެހެންކަމުން އަހަރެން އޮފީހުގެ ވެރިންނާއި ވާހަކަދައްކައިގެން ހެނދުނު ޑިއުޓީއަށް ބަދަލުވީމެވެ. ނަމަވެސް މަރީގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ބައެއް ދުވަސްދުވަހު ގެއަށް ވަންނައިރު މަރީ އިންނަނީ އަހަރެންނާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ބިރުވެރިފާޑަކަށް ބަލާށެވެ. އަދި ބޯ ހުންނަނީ ހާމުންޑިއެއްހެން ހާވާލާފައެވެ. ދެލޯ ކައިރި އެއްކޮށް ހުންނަނީ ކަޅުވެފައެވެ. އަހަރެން ގެއަށް ވަންނައިރަށް މަތި ދައްކާފައި ކޮންމެވެސް އެެއްޗެއް ފައިބަނީއޭ، ހަފަނީއޭ ނުވަތަ ރޮދިގަނޑެއް އައިސް ގައިގައި އޮޅާލަނިއްޔޭ ބުނެއެވެ. އަދި އެމަންޒަރު އަހަރެންނަށް ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އަހަރެންނަކަށް ނުފެނެއެވެ.

މިގޮތުގައި އުޅެމުންދާތާ ހަފުތާއެއް ފަހެވެ. އެއްރެއަކު ދަންވަރު އަހަރެންނަށް ސިއްސައިގެން ހޭލެވުނެވެ. ބަލައިލިއިރު މަރީއެއް އެނދަކު ނެތެވެ. ދެން ކޮޓަރިތެރެ އެތަންމިތަނަށް ނަޒަރު ހިންގާލީމެވެ. އެވަގުތު އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ބިރުން ސިހުނެވެ. މަރީ އޮތީ އެދުމަތިން ދެފޫޓު މައްޗަށް ހިއްލިފައެވެ. އެއްވެސް ތަނަކު ނުޖެހިއެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. ދެލޯ ބޮޑުކޮށްގެންނެވެ. އެހެންކަމުން އަހަރެން އަވަހަށް މަރީގެ ގަައިގައި ހިފައި އެދުމަތީގައި ބޭއްވީމެވެ. ޖެހިގެން އައި ރޭތަކެވެ. ދެން މިފެށުނީ ކުޅިގަނޑެވެ. އަހަރެން އެކަނި މަރީ ކޮންޓްރޯލްކުރުމަކީ އުނދަގުލަކަށްވެއްޖެއެވެ. ލޮލުފިޔައެއް ޖަހާނުލެވެއެވެ. ކޮންމެ ރެއަކުހެން މަރީ އިންނަނީ ގަބުވެފައެވެ. ބައެއް ރޭރޭ އަހަރެން ބޭރުގައި އުޅެފައި ގެއަށް އަންނައިރު ކޮޓަރިތެރޭ ކަނެއްގައި ބިއްޖެހިފައި މޮޔައެއް ފަދައިން އަހަރެންނާއި ދިމާލަށް ދެލޯ ބޮޑުކޮށްގެން ބަލަން އިނދެއެވެ. އަދި އަހަރެން އެއްޗެކޭ ބުނާއިރަށް މީހާގެ ގަޔަށް ބާރުގަނޑެއް އަރައި، ގެއިން ނިކުމެގެން ބޭރަށްދާން މަސައްކަތް ކުރެއެވެ. ނަމަވެސް އަހަރެން ހިތްވަރާއިއެކު މަރީ އަހަރެންގެ ބާރުގެ ދަށަށް ގެނައުމަށް އެތައް މަސައްކަތެއް ކޮށްގެން އެކަން ވިޔަކަ ނުދެމެވެ. މިހާލުގައި ދުވަސްތައް ގުނަމުންދާން ފެށުމުން މަރީ މިކަމުން ސަލާމަތްކުރާނެ ގޮތަކާއިމެދު އަހަރެން ވިސްނީމެވެ. މިގޮތުގެ މަތިން ރުޤުޔާ ކިޔަވާ މީހެއް ގެނެސްގެން ރުޤުޔާ ކުރަން ފެށީމެވެ. ކިޔަވަން ފެށުމާއިއެކު މަރީގެ ގަޔަށް ބާރުއަރާ ތިންހަތަރު މީހުންނަށް ހިފަހައްޓާލެވެނީ ކިރިޔާއެވެ.

މިގޮތަށް ތިންރޭ ރުޤުޔާ ކުރުމުންވެސް މަރީއަކަށް ބަދަލެއް ނައެވެ. އެހެންކަމުން އަހަރެން ވިސްނީ ރުޤުޔާ ކިޔަވާ އެހެންމީހަކު ހޯދުމަށެވެ. މިފަހަރު ރުޤުޔާ ކިޔަވަން ގެނައީ ތަންކޮޅެއް ދުވަސްވީ މީހެކެވެ. އެމީހާ ގެނެސްގެން ރުޤުޔާ ކިޔަވަން ފެށީމެވެ. އެމީހާ ކުރިން ރުޤުޔާ ކިޔެވި މީހާއާއި މުޅިން ތަފާތެވެ. މަރީއާއި އަޅައިގަނެގެން އުޅެނީ ވަރުގަދަ ޖިންނިއެއް ކަމަށް އެމީހާ ބުންޏެވެ. އެހެންކަމުން އެމީހާ ބޭނުންވީ މަރީގެ ހަށިގަނޑު ތެރެއަށް އެ ޖިންނި ވައްދާށެވެ. މިގޮތުން ރުޤުޔާކޮށްގެން މަރީގެ ހަށިގަނޑުގެ ތެރެއަށް އެ ޖިންނި ވެއްދިއެވެ. ވެއްދުމާއިއެކު މަރީގެ ގަޔަށް އާދަޔާއިޚިލާފު ބާރުގަނޑެއް އަރައި ހަތަރު ފިރިހެނުންނަށްވެސްް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އެމީހާ އެ ޖިންނިއާ ފަހަރަކު ސުވާލެއް ކުރަމުންދެއެވެ. އަދި މަރީއާއިޖިންނި އަޅައިގަނެގެން އުޅެނީ ކީއްވެގެންތޯ އެހުމުން ޖަވާބުދޭން ފެށިއެވެ. އެދުމަތީ އުޑުތިލަމަތިން ބާއްވާފައި އޮތް މަރީ ބިރުވެރި ބަރުއަޑަކުން ވާހަކަ ދައްކަން ފެށިއެވެ.

(ނުނިމޭ)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.