Fri, 30 September, 2022, 4:53 pm
އެމެރިކާއިން ރާއްޖެއަށް ފައިޒާ ވެކްސިން ހަދިޔާ ކުރުން

އެމެރިކާއިން ރާއްޖެއަށް 128000 ޑޯޒު ފައިޒާ ވެކްސިން ހަދިޔާ ކޮށްފި

އެމެރިކާ ސަރުކާރުން ރާއްޖެއަށް ފައިޒާގެ ކޮވިޑް-19 ވެކްސިން ހަދިޔާ ކޮށްފިއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް 128،700 ޑޯޒު ފައިޒާ ވެކްސިން ހަދިޔާ ކޮށްފައި ވާއިރު، އެ ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމްއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގައި އެމެރިކާގެ ދައުރު ފާހަގަ ކުރައްވާ، ތައުރީފް ކުރައްވާފައެވެ. އަދި އެ ގައުމުން ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުއްވީތީ ޝުކުރު އަދާކުރައްވާފައި ވެއެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ އެމެރިކާއަކީ ކޮވިޑުގެ ބަަލިމަޑުކަން ފެށުނީއްސުރެވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއްކަން ފާހަގަ ކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޓްސް ވަނީ ރާއްޖެއާއި އެމެރިކައާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގައި އެމެރިކާއިން މީގެ ކުރިންވެ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިހާތަނަށް ފޯރުކޮށްދިން އެހީގެ ޖުމްލަ 5.4 މިލިއަން ޑޮލަރަށް އަރައެވެ. އެގޮތުން، 2 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައި ވާއިރު، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީޕީއީ ކިޓު ފޯރުކޮށްދީފައި ވެއެވެ. އަދި ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ސިއްހީ ދައިރާއަށް ބޭނުންވާ އެހެނިހެން އެހީ ފޯރުކޮށްދީފައި ވެއެވެ.

ފައިޒާ ވެކްސިން ރާއްޖެއަށް ލިބުމުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށާއި، މާބަނޑު މީހުންނަށް ވެކްން ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.