Fri, 21 January, 2022, 6:48 am

އެމްޑީޕީއަށް ޓަކައި ގުރުބާންވެ ނަތީޖާ ނެރެދީފިން، ސިޔާސީވާ ސަބަބެއް ނުވިސްނޭ: މަހުލޫފް

Share on twitter
Share on facebook
Share on twitter
Share on facebook

އެމްޑީޕީއަށްޓަކައި ގުރުބާންވެ، ސަރުކާރުގައި ރަނގަޅު ނަތީޖާ ނެރެދިނުމުންވެސް އޭނާއާމެދު ސިޔާސީވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފު އެހެން ވިދާޅުވީ، އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނަ ޝަރުތު ހަމަނުވާކަން އެޕާޓީން އޭނާއަށް އެންގުމުން ކުރެއްވި ޓުވީޓެއްގަ އެވެ. މަހުލޫފު ޝަރުތު ހަމަނުވާ ކަމަށް އެމްޑީޕީން ނިންމީ އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ އެވެ.

މަހުލޫފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔަ ކަމަށާއި މަޖިލިސް މެމްބަރުކަމަށް އަދި ކައުންސިލް އިންތިހަބަސްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސް ކަމާއި ޗެއާޕާސަން އަދި ޕްރައިމަރީތަކަށްވެސް ޝަރުތު ހަމަވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތުނުވާ ހިނދަކު ވާދަކުރެވެންވާނެ ކަމަށާއި އެ ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

“މިއީ އެމްޑީޕީން އަބްދު ވަކާލާތުކުރި، އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރަސީގެ ރޫހާވެސް ހިލާފު ނިންމުމެއް،” މަހުލޫފުގެ ޓުވީޓުގައި ވިދާޅުވި އެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، އޭނާއާ ދެކޮޅަށް މިދުވަސްވަރު ފަތުއަޑު ކިޔާފައި ހިންގާ ކަންކަމަކީ އެމްއެމްޕީއާރުސީއާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ކަމެއް ކަމަށެވެ.

“އެކަމަކު މިބޭފުޅުންނަށްޓަކައި (އެމްޑީޕީއަށްޓަކައި) އެތައް ގުރުބާނީއެއްވެދީ އަދި މިހާރުވެސް ސަރުކާރުގަ ވަރަށް ރަނގަޅު ނަތީޖާއެއް ނެރެދީފައިވާއިރު، ވެގެން މިއުޅޭ ގޮތް އެއްގޮތަކަށްވެސް ނުވިސްނޭ،” މަހުލޫފު ވިދާޅުވިއެވެ.

އޭސީސީން މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން އޭނާއަށް 33،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އަދި ދައުވާކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން މަހުލޫފު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ހެކި ނެތިގެން ހެކި އުފެއްދުމުގެ މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.