Thu, 20 January, 2022, 1:55 pm

މަހުލޫފުގެ ކެންޑިޑަންސީ ބާތިލުކުރީ ރަނގަޅަށް ކަމަށް ނިންމައިފި

Share on twitter
Share on facebook
Share on twitter
Share on facebook

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ކެންޑިޑެސީ ބާތިލްކުރަން ޕާޓީން ނިންމި ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމިޓީން ނިންމައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި ފޯމު ހުށަހަޅުއްވާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފުގެ މައްސަލައެއްވާ ކަމަށް ބުނެ އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް ނިންމުން މުރާޖައާ ކޮށްދިނުމަށް މަހުލޫފުގެ ފަރާތުން މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ ހުށަހެޅުއްވި އެވެ.

މަހުލޫފު ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތު ނުވާ ހިނދަކު ކޮންމެ އިންތިހާބެއްގައިވެސް ވާދަކުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މަހުލޫފު ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް، ޝަކުވާ ބަލާ ކޮމިޓީން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމެއްގައި ހުންނަވާ މީހަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ މީހެއް ކަމަށް ވީނަމަވެސް ގައުމީ މަޖިލީހަށް އިންތިހާބުވާ ފަރާތްތަކަކީ މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލީހަށް އައްޔަނުކުރާ މެންބަރުންނަށް ނުވާތީ، ޕާޓީގެ އިންތިހާބުގައި ވާދަކުރުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުމަކީ ގާނޫނު ދަންނަ ހަމައެއް ކަމަށެވެ.

އެހެންކަމުން އެ އުސޫލުން އަމަލުކުރުމަކީ ތަފާތުކުރުމެއްވާ ކަމެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އޭޕްރިލް 24، 2021ގެ ގައުމީ ހިންގާ ކޮމިޓީގެ ގަރާރުން ދާއިރާގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެއްވެސް އިދާރާއަކަށް ފޮނުވާފައިވާ ފަރާތެއްނަމަ، އެ ފަރާތެއްގައި އިންތިހާބުގައި ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާނެ ކަމަށް ކަނޑައަޅާފައިވާތީ، މަހުލޫފުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ޕާޓީން ނިންމާފައިވަނީ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

“ވީމާ، ޝަކުވާ ހުށަހެޅި ފަރާތުގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް މި ކޮމިޓީން ނިންމީމެވެ،” ކޮމިޓީގެ މެމްބަރު އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއް ސައްތާރު ސޮއިކުރައްވައި މިއަދު މަހުލޫފަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.