Tue, 18 January, 2022, 3:35 am
ދައްޕަރު--- ފޮޓޯ: މޮރީޝިއަސް ޕްރޮޕަޓީ އެންޑް ރިއަސް އެސްޓޭޓް

ދައްޕަރު ތަރައްގީ ކުރާނީ ރިއަލް އެސްޓޭޓް ޓޫރިޒަމް މޮޑެލްއަށް: ސަރުކާރު

Share on twitter
Share on facebook
Share on twitter
Share on facebook

ހއ. ދައްޕަރު ތަރައްގީ ކުރާނީ ރިއަލް އެސްޓޭޓް ޓޫރިޒަމް މޮޑެލްއަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ހއ. ފިއްލަދޫއާ ގުޅިފައި އޮންނަ ދައްޕަަރަކީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ފިއްލަދޫގެ އިހުތިސާސްގައި ހިމަނާފައިވާ ރަށެކެވެ. ނަމަވެސް މީގެ ދެ ދުވަހެއް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުން، ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަނީ ވަކިކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ އެރަށް ރިއަލް އެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރަން ރާވާފައިވާ ކަމަށެވެ. އަދި ކުރިއްސުރެވެސް އެ ރަށަކީ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރާވާފައި އޮތް ރަށެއް ކަމަށާއި އެކަމަށް އެކި ސަރުކާރުތަކުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

“މިކަމުގައި އޭރު ވިސްނުން މިހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް. ޓޫރިޒަމްގެ އާ ޕްރޮޑަކްޓެއް ރާއްޖޭގައި ޑިވެލޮޕް ކުރުމަށް” މަބުރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހއ. ފިއްލަދޫ ކައުންސިލުގެ އިހުތިސާސުން ދައްޕަރު ނެގީ ކޮންމެވެސް ވަރަކަށް ކައުންސިލާވެސް ވާހަކަ ދެކެވިގެން ކަމަށެވެ. އަދި އާންމުންނާ އެ މަޝްވަރާ އިތުރަށް ކުރެވެން ޖެހޭނެ ކަމަށާއި ރައީސް އޮފީހުންވެސް މިހާރު އެކަމުގައި ހަރަކާތްތެރިވާ ކަމަށް ވިދާޅުވި އެވެ.

މަބުރޫކު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ދަށްޕަރު މައްސަލައިގައި ގޮތް ނިންމާނީ ކައުންސިލުން ކަމަށެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރަން ނިންމާފައިވާ އެއް މަސައްކަތެވެ. ދައުލަތަށް އާމްދަނީ ހޯދަން މިއަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީވެސް އެއީ އެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި މިއަހަރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 150 މިލިއަން ރުފިޔާ ލިބޭނެ އެވެ

ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އާންމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން, ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށް ސަރަހައްދެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާއިރު, އެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ހުށަހަޅާ އެޕާޓްމަންޓް, ވިލާ ނުވަތަ ކޮޓަރީގެ އަދަދާއި ތަރައްގީކުރެވޭ އިތުރު ހިދުމަތްތަކާއި ވަސީލަތްތައް ހިމަނަން ޖެހެއެވެ. އަދި ޓޫރިޒަމް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދެއް ކުއްޔަށް ދެވޭނީ ހަމައެކަނި ސަރުކާރުގެ 100 ހިއްސާ އެކުލެވޭ ކުންފުންޏަކަށް ކަމަށް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.