Wed, 20 October, 2021, 5:40 am

މާމަ ކާފައިންނަށް އޮތް ލޯބި ބަންޑުން ކޮށްލަން ތަފާތު އެސެމްބްލީއެއް، ހުރިހާ ކަމެއްގައި އެމީހުން

Share on twitter
Share on facebook
Share on twitter
Share on facebook

ދަރީން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންނެކޭ އެއްވަރަށް މާމައާއި ކާފަގެ ހިއްސާވެސް ބޮޑެވެ. ކުއްޖާ ދެކެ އެންމެ ބޮޑަށް ލޯބިވާ ބަޔަކީވެސް މާމަ އާއި ކާފަމެންނެވެ. ނަމަވެސް ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތަކީ، ގިނަ ބަޔަކަށް އެމީހުން ވެފައި އޮންނަނީ އުދަނގުލަކަށެވެ. އެމީހުންގެ އަގު ވަޒަން ނުކުރެވެ އެވެ. އިހުސާސްތަކާއި ވާހަކަތައް އަޑެއް ނާހަ އެވެ.

ނަމަވެސް ގެމަނަފުށިން ކިޔައިދިނީ އެހެން ވާހަކަ އެކެވެ. މާމަ އާއި ކާފަމެންގެ މުހިންމުކަން ހާމަކޮށްދީ، އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން އެރަށު ސްކޫލުން އިހުތިޔާރު ކުރީ ތަފާތު ގޮތެކެވެ. މިދިޔަ ބުދަ ދުވަހު ފާހަގަކުރި، ގައުމީ މާމަ ކާފައިންގެ ދުވަހު ގެމަނަފުށީ ސްކޫލުގައި އެސެމްބަލީގެ ހުރިހާ ކަމަކާ ހަވާލުވީ ދަރިވަރުންގެ މާމައިންނާއި ކާފައިންނެވެ.

ގެނަމަފުށީ ސްކޫލުގެ އެސެމްބްލީ އިންޗާޖު އިބްރާހީމް އިރުޝާދު “ހަފްތާ” އަށް ވިދާޅުވީ އެދުވަހު އެ ސްކޫލުގެ ދެ ދަންފަޅީގައިވެސް އެސެމްބްލީ ކުރިއަށް ގެންދިޔައީ މާމައިންނާއި ކާފަމެންނެވެ. އެގޮތުން އެސެމްބްލީގައި ޤުރުއާން ކިޔެވުމާއި ދިދަ ނެގުންވެސް ކުރިއަށް ގެންދިޔައީ އެމީހުންނެވެ.

އެސެމްބްލީގައި ދަރިވަރުންނަށް އެންމެ ހާއްސަ އައިޓަމަށް ގެނެސްދިނީ މާމައާއި ކާފަގެ ފަރާތުން ނަސޭހަތުގެ ބަސްކޮޅެކެވެ. އަދި މާމަ ކާފައިންގެ މުހިންމުކަން ހާމަކޮށްދީ ޓީޒަރުންގެ ފަރާތުންވެސް ވާހަކަދެއްކި އެވެ.

އިރުޝާދު ވިދާޅުވީ، އެ ރަށުގައި މާމައާއި ކާފައަށް ނިސްބަތްކޮށް ކިޔާ އުޅޭ ބަސްތައް ކަމަށްވާ “މުންނާ” ފަދަ ބަސްތައްވެސް ބައެއް ކުދިންނަށް ނޭނގޭ ކަމަށެވެ. އަދި އެސެމްބްލީ ތެރެއިން އެކުދިންނަށް އެކަންކަން އެނގިގެން ދިއުމުން އެ ކުދިންނަށް އެކަންކަންވީ އާ ކަމަކަށް ކަމަށް ބުންޏެވެ.

އެސެމްބްލީ ނިިންމާފައި ދެން އޮތީ ދަރިވަރުންނާއި އެކުދިންގެ މާމަ އަދި ކާފައާއެކު ފޮޓޯ ނެގުމުގެ އިވެންޓެކެވެ. އިރުޝާދު ވިދާޅުވީ، މާމައާއި ކާފައާއެކު އެގޮތަށް ވަގުތު ހޭދަކޮށްލަން ލިބުމުން ދަރިވަރުން ތިބީ ވަރަށް އުފަލުން ކަމަށާއި އަދި މުޅި ސްކޫލުތެރޭގެ މާހައުލު ފެނުނީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.

ގެމަނަފުށީ ސްކޫލުގެ އިތުރުން ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި ގައުމީ މާމަ ކާފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.