Wed, 20 October, 2021, 6:59 am
އާދަމް އަބްދުއްރަހީމް (އިގޫ) ޑައިވިން ސޫޓުގައި ---

ހިބަރުގެ ތުން ވަދެފައިވަނީ ސީދާ ހިތަށް! ހިތްވަރާއެކު ފަތާފައި ލޯންޗާ ހަމައަށް ދިޔަ

Share on twitter
Share on facebook
Share on twitter
Share on facebook

މާލޭގެ ހާސްކަމާއި ތޮއްޖެހުން ދޫކޮށް އާދަމް އަބްދުއްރަހީމް (އިގޫ)ގެ ދިރިއުޅުން ބ. އަތޮޅަށް ބަދަލުކުރީ ކަނޑުއަޑީގެ ހިތްގައިމު ކަމުގެ ޖާދޫގައި ޖެހިގެންނެވެ. މާޅޮހުގައި ދިރިއުޅޭތާ ފަސް ވަރަކަށް އަހަރުވެފައިވާ އިރު, މިއަދު އޭނާއަކީ ޑައިވިންގައި ގިނަ ބަޔަކު ދަންނަ މޫނެކެވެ. ކަނޑުއަޑީގެ ރީތިކަން ބަލާލަން ބ. އަތޮޅަށް އަންނަ މެހެމާނުންގެ ރަހުމަތްތެރިއެކެވެ. އާރުކާޓީއެވެ. އެހެން މީހުންނަށް ޑައިވްކޮށް ފީނަން ދަސްކޮށްދޭ މުދައްރިސެކެވެ. އަމިއްލަ ޑައިވް ސެންޓަރެއްވެސް އޭނާ ހިންގަ އެވެ.

އާދައިގެ މަތިން އުޑުމަތި ރީތިވުމުން މިއަދަކީވެސް ޑައިވެއް އޮތް ދުވަހެކެވެ. ރ. އިނގުރައިދޫން ޑައިވިން ދަސްކުރަން އިގޫ ކައިރިއަށް ދިޔަ ހަތަރު ކުއްޖަކާއި އަންހެން ފަތުރުވެރިއަކު ގޮވައިގެން ކުޑަ ލޯންޗެއްގައި ކައިރީގައި އޮންނަ ދަރަވަންދޫ ތިލައަކަށް އެމީހުން ފޭބިއެވެ. ހަވީރު އަތަށް އަޅާލީމާ އެނބުރި މަންޒިލަށް ދިއުމަށެވެ.

ރޭވި ގޮތަށް ޑައިވް ނިންމާފައި, މާޅޮހަށް އެނބުރި ދިއުމަށް ދަތުރުފެށި އެވެ. ނަމަވެސް މާ ދުރަކަށް ނުދެވެ އެވެ. ލޮލުގައި އަޅައިގަތީ ދަރަވަންދޫގެ ކަންމަތިން ބޭރު ކަނޑުގައި ފުމެން ފެށި ބޮޑެތި ކޯމަސްތަކެވެ. އެސޮރުމެން ބަލަން ފޭބީ އިގޫ އާއި އަންހެން ފަތުރުވެރިޔާ އަދި އިތުރު މީހެކެވެ. ނަމަވެސް އެ ޑައިވް ވެގެން ދިޔައީ އިގޫގެ ފަހު ޑައިވަށެވެ.

“ހިބަރުގެ ތުން ވަދެފައިވަނީ ސީދާ ހިތަށް ކަމަށް ޑޮކްޓަރުން ބުނަނީ. އެކަމަކު ތުން ނައްޓާލާފައި ލޯންޗާ ހަމައަށް އިގޫ އައިކަމަށްވަނީ އަމިއްލައަށް ފަތާފަ. އޭރު އޭނާ އޮތީ ލޯންޗާ ގާތްގަނޑަކަށް 12 ވަރަކަށް ފޫޓު ދުރުގައި ކަމަށްވަނީ. އައިސް ލޯންޗަކަށް ނުއެއް އެރުނު. ލޯންޗުގައި ތިބި މީހުން އެއަށް އެރުވި އިރު, ބައިވަރު ލޭ ފައިބަމުންދިޔަ,” އިގޫއާއެކު ޑައިވަށް ދިޔަ ކުދިންނާ ހަވާލާދީ މާޅޮހު ކައުންސިލުގެ ރައީސް އަބްދުالله ޝުޖާއު ވިދާޅުވި އެވެ.

އިގޫ ލޯންޗަށް އެރުވި ނަމަވެސް, ލޯންޗު ވަރަށް ގަދަޔަށް ތަޅާނެތީ, އޭނާ އެރުވޭތޯ ބެލީ ކައިރިން ދިޔަ ބޮޑު ލޯންޗަކަށެވެ. އެއަށް އަރުވައިގެން ގެންދިޔައީ އޭދަފުއްޓަށެވެ. ނަމަވެސް އޭރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އޭނާގެ ހަށިގަނޑު އާއިލާގެ އެދުމުގެ މަތިން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:20 ގައެވެ. ބެލެވޭ ގޮތުގައި މިއީ ހިބަރެއް ހަމަލާދީގެން ރާއްޖޭގައި މިފަހުން މީހަކު މަރުވި ފުރަތަަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.