Wed, 20 October, 2021, 6:54 am

މޮޅުކަމާއި މުއްސަނދިކަން ދެއްކުމަށް ބާއްވާ ކައިވެނި ހަފުލާއަކީ ﷲ ދެއްވި މުދަލުން ކުރެވޭ އިސްރާފެއް!

Share on twitter
Share on facebook
Share on twitter
Share on facebook

މި ޒަމާނަށް ބަލާއިރު ކައިވެނީގެ ވަލީމާތަކުން އިސްރާފުގެ ކުލަތައް ފެންނަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ކެއިންބުއިމުގެ އިސްލާމީ އަދަބުތައް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މި ޒަމާނަށް ބަލާއިރު ކައިވެނީގެ ވަލީމާތަކާއި ތަފާތު މުނާސަބަތުތަކުގައި ބާއްވާ ޕާޓީތަކުން އިސްރާފުގެ ކުލަތައް ފެންނަ ކަމަށެވެ. އެއީ ދީނީ ގޮތުން ބަލާއިރު އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށާއި ހަގީގަތުގައި އެއީ މާތް ﷲ ދެއްވި މުދަލުން ކުރެވޭ އިސްރާފެއް ކަމަށް ބުންޏެވެ

އަދި ގިނަބަޔަކު ވަލީމާތައް ބާއްވަނީ ސުންނަތް ގާއިމުކުރުމަށް ނޫން ކަމަށާއި އެކަކަށްވުރެ އަނެކަކުގެ މޮޅުކަމާއި މުއްސަނދިކަމާއި ފޯރުންތެރިކަން ދެއްކުމަށްޓަކައި ކަމަށާއި އެ ވަލީމާތަކުގެ އާހިރު ނަތީޖާއަކީ ތިމާ ދަރަނިވެރިވުން ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ޒީނަތްތެރިވުމާއި ފޭރާން އެޅުމުގައިވެސް އިސްރާފު ކޮށްގެން ނުވާނެކަން ކީރިތި ރަސޫލާގެ ހަދީޡްފުޅުތަކުން އެނގޭ ކަމަށެވެ. އަދި ރީތި ހެދުން އަޅައި ޒީނަތްތެރިވުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫން ކަމަށާއި މާތް ﷲ ދެއްވި ނިއުމަތުގެ އަސަރު ތިމާގެ ކިބައިން ފެނުމަކީ ދީން މަނާ ކުރާ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ނަމަވެސް ތިމާއަށް ލިބޭ މިންވަރަށް ބަލައިލުމެއް ނެތި ހަރަދު ކުރުމަކީ އިސްރާފުކުރުން ކަމަށާއި އެއީ ހައްދުފަހަނައަޅައި ދިއުން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ކެއިންބުއިމުގެ އަދަބުތަކުގެ ތެރޭގައި ﷲ އިސްމުފުޅުން ފެށުމާއި ކަނާތުން ކެއުމާއި ބުއިން އަދި ކައި ނިމިގެން މާތް ﷲ އަށް ހަމްދު ކުރުން ހިމެނޭ ކަމަށެވެ. އަދި ކޮޅަށްހުރެ ނުކެއުމަށާއި ފެން ބޯއިރު ލަސްލަހުން އެތިއެތިކޮޅުން ދަމާލައިގެންނާއި ތިން ނޭވާއިން އެއްޗެހި ބުއިމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކާއިރު ތަށީގެ ކައިރިފަރާތުން ކެއުމާއި ބޯއިރު، ތަށީގައި ތުން ޖަހައިގެން ބުއިމަކީވެސް ކެއިންބުއިމުގައި ގެންގުޅެން ޖެހޭ އަދަބުތަކެއް ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމް ދީން އަބަދުވެސް ގޮވައިލަނީ އިސްރާފު ނުކުރުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ކެއިންބުއިމުގައި އިސްރާފު ކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހި، އޭނާގެ ދުޅަހެޔޮކަން ނަގާލަފާނެ ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.