Mon, 29 November, 2021, 5:24 pm

ޒިޔާންގެ އާދޭސް އދ. އަށް: ”ޖައްވު ހޫނުވުން ހުއްޓުވައިދީ، ނޫނީ އަހަރެމެން އަޑިއަށް ހިނގައިދާނެ”

Share on twitter
Share on facebook
Share on twitter
Share on facebook

ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އދ.ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވަމުން ސިޓީތަކެއް މުޅި ދުނިޔެއަށް ދައްކަވާލެއްވި އެވެ. އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅޭ ގޮތުން އެ މަޖިލީހަށް ހުށަހަޅައިދިނުން އެދި އެމަނިކުފާނަށް ދިވެހި ސްކޫލު ދަރިވަރުންތަކެއް ލިޔެފައިވާ ސިޓީތަކެކެވެ.

އެ ސިޓީތައް ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ ކަމަށެވެ. އެންމެންވެސް އެ އަޑު އަހަންޖެހޭ ކަމަށެވެ. ކުދި ޖަޒީރާތައް ނެތި ދަނީ ތިމާވެށީގެ ސަބަބުން ކަމުގައިވާ ނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުން އެ ސަބަބު މާދަމާ ދާނެ ކަމަށާއި އަދި ދިވެއްސަކަށް ދިރިނޫޅެވި، ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސް އެ ސިޓީތައް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަވާލުކުރެއްވުމުން ޝާހިދު ވަނީ އޭގެ ތެރެއިން އެއް ސިޓީ ހާމަކުރައްވައިފަ އެވެ.

އެއީ ހއ. އުލިގަމު ސްކޫލުގެ އުމުރުން 11 އަހަރުގެ ޒިޔާން ސައުދުﷲގެ އާދޭހެވެ. އެ ސިޓީގައި ޒިޔާން ވަނީ އޭނާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފަ އެވެ. އަވަސް ފިޔަވަޅެއް އެޅުމަށް އިލްތިމާސް ކުރަމުންނެވެ.

ޒިޔާން ބުނި ގޮތުގައި ޖައްވު ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާތީ، އެކަމުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް ބޮޑެވެ. އަދި އެންމެން އެކުގައި އެކަމާ ދެކޮޅަށް މަސައްކަތް ނުކޮށްފިނަމަ ވަގުތު ފާއިތު ވެދާނެ ކަމަށާއި ޖައްވު އިތުރަށް ހޫނުވުން ހުއްޓުވަންޖެހޭ ކަމަށް ޒިޔާން ބުންޏެވެ.

“އޯ ވީ މައިޓް ސިންކް” (އެހެން ނޫނީ އަހަރެމެން އަޑިއަށް ހިނގައިދާނެ) ޒިޔާން، އޭނާގެ މުސްތަގުބަލާ މެދު ކަންބޮޑުވާ ހާލު، އެ ސިޓީގައި ބުނެފައިވެ އެވެ. އެއީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން 2050 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ގިނަ ރަށްތައް އަޑިއަށްދާނެ ކަމަށް ސައިންސުވެރިންވެސް ލަފާކޮށްފައިވާތީ އެވެ.

ޒިޔާން އެ ސީޓީ ލިޔުނީ އދ.ގެ އާންމު މަޖިލީހާ ދިމާކޮށް، ދަރިވަރުންގެ އެކި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސިޓީ ލިޔުމަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލުމުންނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީއަށް ހޮވާފައި ވަނީ ކޮންމެ ސްކޫލަކުންވެސް ފާހަގަކުރެވޭ ފަސް ސިޓީއެކެވެ. އ.ދގެ އާންމު މަޖިލީހުގެ ރައީސް ޝާހިދަށް އިއްޔެ ހަވާލުކޮށްފައިވަނީ އެ ސިޓީތަކެވެ.

ޒިޔާންގެ ސިޓީ އދ.ގެ އާންމު މަޖިލީހުގެ ރައީސާ ހިއްސާ ކުރުމުން އޭނާގެ ބައްޕަ ސައުދުﷲ އިދުރީސް ބުނީ، ޒިޔާން ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި އެ ސިޓީ ލިޔުނީއްސުރެ އެވާހަކަ ވަރަށް ދައްކާ ކަމަށާއި އެ ސިޓީ ރައީސަށް ލިބިފައިވާކަން އިއްޔެ އެނގުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށްވެސް ބުންޏެވެ. އަދި މިނިސްޓަރު ޝާހިދުގެ ޓުވީޓު ފެނުމުން ވަރަށް އުފާވި ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.