Wed, 20 October, 2021, 6:13 am

ރަސޫލާ ހަދީޡް ކުރެއްވިއެވެ. ”ދަރަނި އަދާކޮށްފުމަށް ދާންދެން މުއުމިނު އަޅާގެ ފުރާނަ ވަނީ އެލުވިގެންނެވެ”

Share on twitter
Share on facebook
Share on twitter
Share on facebook

ތިމާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި އަދި ނުބައިކަން ބޮޑު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“އިގުތިސާދު ކުރުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުދަލާއި ފައިސާ އަކީ މާތް ﷲ އިންސާނުންނަށް ދެއްވި ނިއުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިއުމަތެއް ކަމަށާއި އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި ފައިސާ ހޭދަކުރުމަކީ ސުވަރުގެއަށް ވާސިލުވުމުގެ މަގެއް ކަމަށެވެ.

އަދި މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އިސްރާފުކުރުމަކީ ހަރާމް ކަންތައްތަކަށާއި ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތުން މުދާ ހޭދަ ކުރުން ކަމަށްވެސް ބުންޏެވެ. އެގޮތުން ހުއްދަވެގެންވާ ކަންތައްތަކުގައިވެސް ތިމާގެ އާމްދަނީއާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ހަރަދުކުރުމަކީ އިސްރާފު ކުރުން ކަމަށާއި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ހަރަދު ކުރުމަކީވެސް އިސްރާފު ކުރުން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އިސްރާފު ކުރުމަކީ މުއުމިނުންގެ ސިފައެއް ނޫން ކަމަށާއި މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން އިގުތިސާދުކޮށްގެން ދިރިއުޅުން ކަމަށެވެ. އަދި ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން ދިރިއުޅުން ކަމަށެވެ.

ނަމަވެސް ދިވެހިންގެ ތެރެއިން އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއް ނެތި ހަރަދުތައް ކުރަމުންދާތަން މިއަދު ފެންނަމުންދާ ކަމަށް ބުންޏެވެ.

އެގޮތުން ޒަމާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ މިޒަމާނުގައި ބައެއް މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދައި، ދަރިންގެ ކުޅޭ އެއްޗެހި ހަލާކުވުމުގެ ކުރިން ގަނެދީ، ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް ޟަރޫރަތެއް ނެތް ބޮޑެތި ހަރަދުތައް ކުރަމުންދާތަން ފެންނަކަމީ ހިތާމަ ހުރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ހަރަދުތައް ފޫނުބެދޭނަމަ، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށާއި އަބަދުވެސް ތިބެންވާނީ މީހުންގެ ހައްގުތައް އަދާކޮށް، މީހުންގެ ދަރަނިތައް އަދާކޮށްގެން ކަމަށެވެ.

އަދި ތިމާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި އަދި ނުބައިކަން ބޮޑު ކަމެއްކަމަށްވެސް ބުންޏެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“މުއުމިނު އަޅާ އޭނާގެ ދަރަނި އަދާކޮށްފުމަށް ދާންދެން އޭނާގެ ފުރާނަ ވަނީ އެލުވިގެންނެވެ،”

މިއަދު ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ވަޒީފާތައް ގެއްލި، ވިޔަފާރިތައް ބަންދުވެ، މަސައްކަތްތައް ހުއްޓިފައިވުމުގެ ސަަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާއި ފަރުދުންގެ އާމްދަނީ ދަށްވެ، ގައުމުގެ އިގުތިސާދު ހީނަރުވެފައިވުންކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެފަދަ ދަތި ދަނޑިވަޅުތަކުގައި މުސްލިމުންގެ އީމާންކަމާއި އަގީދާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ.

އަދި މިފަދަ ވަގުތުތަކުގައި ހަނދާންކުރަންވީ އެންމެ މުހިންމުކަމަކީ ދުނިޔޭގައި ހިނގާ ކޮންމެ ކަމެއް ހިނގަނީ މާތްﷲގެ މަތިވެރިކަމާއި ހިކުމަތްވަންތަކަމުން ކަމާއި ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެކަލާނގެ މިންވަރުފުޅުގެ ތެރެއިން ކުރިމަތިވާ ކަމެއްކަން ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެކަލާނގެ މިންވަރުފުޅުގެ ތެރެއިން ކުރިމަތިވާ ކަމެއް ކަމަށާއި އެކަލާނގެ އެއްވެސް އަޅަކު ނިކަމެތި ނުކުރައްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.