Thu, 20 January, 2022, 2:27 pm
ރައީސް ސޯލިހު، ބަންގްލަދޭޝްގެ ބޮޑުޒަރީރު ޝައިހް ހަސީނާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ރާއްޖެއިން ކުރި މަސައްކަތަށް ޝައިހް ހަސީނާގެ ޝުކުރު

Share on twitter
Share on facebook
Share on twitter
Share on facebook

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ރާއްޖެއިން ކުރި މަސައްކަތަށް ދިވެހި ސަރުކާރަށް އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ޝުކުރު އަދާކުރައްވައިފި އެވެ.

ޝައިހް ހަސީނާ އެގޮތަށް ވިދާޅުވީ، އެކަމަނާއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގަައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެގޮތުން ކޮވިޑުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންވެސް ހިމެނޭ ގޮތަށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އެ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

އަދި ކޮވިޑުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ސިއްހީ މާހިރުންގެ ޓީމެއް ފޮނުވައިދެއްވައި ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށް ދިރިއުޅޭ ފަރާތްތައް ގަވާއިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޮވިޑުގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.

ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައުޟޫއަށް އަލިއަޅުވައިލައްވަމުން ރައީސް ސޯލިހު ވަނީ، ބަންގްލަދޭޝްއާއި ރާއްޖެއަކީ ކްލައިމެޓް އިމަޖެންސީ އެންމެބޮޑަށް ތަޖުރިބާކުރެވޭ ނާޒުކު ހާލަތެއްގައިވާ ދެ ގައުމުކަން ފާހަގަކުރައްވައިފަ އެވެ.

ޝައިހް ހަސީނާވެސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަކީ ބަންގްލަދޭޝްއާއި ރާއްޖެއަށްވެސް ނުރައްކަލާ ކުރިމަތިކުރުވާނެ މައްސަލައެއްކަން ފާހަގަކުރައްވައި، އެހެންލީޑަރުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައިވެސް އެކަމާމެދު މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.