Mon, 29 November, 2021, 4:09 pm
ކްރިމިނަލް ކޯޓް ހުންނަ އިމާރާތް -- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

ބޮޑީ ސްޕްރޭ ފުޅިއެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

Share on twitter
Share on facebook
Share on twitter
Share on facebook

ބޮޑީ ސްޕްރޭ ފުޅިއެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމް ކޮށްފައިވަނީ ސ. ހިތަދޫ/ ހަރުދަލުގެ، އަނަފް އަބްދުﷲ އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އަނަފްގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ޖުލައި 18، 2020ގެ ހަވީރު 4:22 ހާއިރު މާފަންނު އިރާކުމަގުގައި ހުންނަ ލީފްމާޓް ފިހާރައިން ވައްކަންކޮށްގެން އުޅޭ މީހަކު ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން، ފުލުހުން އެ ފިހާރައަށް ދިއުމުން އޭނާ އެ ފިހާރައިން ބައެއް ތަކެތި ނެގިތަން ފިހާރައިގެ ސީސީޓީވީ ކެމެރާ އިން ފެނުމުން ފިހާރައިގެ ދޮރު އެތެރެއިން ތަޅުލީ ފިހާރައިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އަނަފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ހަށިގަނޑު ބަލައިފާސްކުރުމުން، އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރެއިން ފޮގް ބުރޭންޑުގެ ބޮޑީ ސްޕްރޭ ފުޅިއެއް ފެނިފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަނަފް ވަނީ މައްސަލައިގެ ލިޔުންތައް ލިބިފައިވާ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާއި ނުލައި އަމިއްލައަށް ކަމަށް ބުނެފައެވެ. އަދި ދައުވާ ސާފު ވެއްޖެ ކަމަށާއި ދައުވާގައިވަ ކަންކަމަށް އިއުތިރާފުވާ ކަމަށާއި އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، ނުފޫޒެއް ނެތި، އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ބުންޏެވެ.

އެހެންކަމުން އަނަފްގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭތީ މައްސަލަ އަވަސްނިޔާއިން ކުރިއަށް ގެންދިއުމަށް ނިންމިއެވެ.

އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަމުން އަނަފް ވަނީ އޭނާއަކީ މިހާރުވެސް ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމަށާއި އޭނާވެސް ރަނގަޅުވެ އެނބުރި މުޖުތަމައުއަށް އައުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށާއި އަދި އެ އަދަބު ކަނޑަނޭޅޭނަމަ، ޝަރީއަތަށް ފެންނަ އެހެން އަދަބެއް ކަނޑައަޅައިދިނުމަށް އޭނާ އެދުނެވެ.

މައްސަލައިގައި ކަނޑައަޅަން ފެންނަ އަދަބާ ގުޅޭ ގޮތުން ޝަރީއަތުން ވިދާޅުވީ، އަނަފްގެ ކުށުގެ ރެކޯޑަށް ރިއާޔަތްކޮށް، އަދަބުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކުރުމަށްފަހު، އޭނާ ދައުވާއަށް އިއުތިރާފުވާތީ އެއް ދަރަޖަ ދަށްކުރުމުން، އޭނާގެ މައްޗަށް ކަނޑައެޅޭނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުންކަން އެނގޭ ކަމަށެވެ.

އަދި ޖަލު އަދަބު ފިޔަވައި އިތުރު އަދަބަކަށް ބަދަލުކުރުމަށް ބަލައި އިރު، އަނަފްއަކީ އެބާވަތުގެ ރެކޯޑްސް ގިނަ ފަރާތަކަށްވުމާއި މިއަހަރު އޭނާގެ މައްޗަށް ސާބިތުވެފައިވާ އެ ބާވަތުގެ މައްސަލަތަކާއި ގުޅިގެންވެސް އޭނާގެ މައްޗަށް ޖޫރިމަނާގެ އަދަބެއް ކަނޑައަޅާފައިވުމުން، އަނަފްގެ ޖަލު އަދަބު އެހެން އަދަބަކަށް ބަދަލުކުރުމަށް ޝަރީއަތަށް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އަނަފްގެ ދައުވާތަކަށް އިއުތިރާފުވުމުގެ ސަބަބުން ޝަރީއަތުގެ ވަގުތަކާއި ވަސީލަތްތަކެއް ސަމާލަތްވުމުގެ އިތުރުން އަދި އޭނާ ރަނގަޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެނބުރި ރަނގަޅުވެގެން މުޖުތަމައުއަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރުމާއި ގުޅިގެން އެކަމަށް ބާރު އެޅުމުގެ ގޮތުން އަނަފްގެ އަދަބު އިތުރަށް އެއް ދަރަޖަ ލުއިކުރުމަށް ފެންނަ ކަމަށް ޝަރީއަތުން ނިންމި އެވެ.

އެހެންކަމުން ޝަރީއަތުން ވަނީ އަނަފްގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. މި މައްސަލަ ބެއްލެވީ ގާޒީ އާދަމް މުހައްމަދެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.