Thu, 20 January, 2022, 2:29 pm
ދިވެހި ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަންފެށުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު 3 ކަމަށް ކަނޑައަޅައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ ފަތުރުވެރިކަމުގެ ރަންޔޫބިލް ގުނަން ފެށުމުގެ ގޮތުން މިރޭ ކުރުނބާ މޯލްޑީވްސް ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފުރަތަމަ ފެށިގެން އައިގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އޭރު ހެދި ދިރާސާތަކުން ރާއްޖެއަކީ ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ފުރުސަތު ކުޑަތަނެއް ކަމަށް ފާހަގަ ކޮށްފައި ވާނަމަވެސް، ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ވެގެން ދިޔައީ އޭރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި ޒުވާނުންގެ ބުރަ މަސައްކަތުން ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓުމުގައި ސިނާއަތާއި ސިނާއަތާ ގުޅުންހުރި އެހެން ދާއިރާޔަކުގެ ހިއްސާވެސް ބޮޑުކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަދި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރަން ވެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށާއި، ސަރުކާރަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވަނީ އަންނަން އޮތް ޖީލުތަކާ ހަމައަށް ފަތުރުވެެރިކަމުގެ ސިނާއަތް ފޯރުކޯށްދިނުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ބަލައިގެން ދެމެހެއްޓެނިވި ގިތެއްގައި އެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މުހިންމުކަންވެސް ރައީސް ފާހަގަ ކުރައްވާފައި ވެއެވެ.

އެގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުން ކުރުން 2023 ގެ އަހަރަށް ހުއްޓާލުމާއި، 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ނިންމަވާފައިވާ ނިންމެވުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތިމާވެށި ރައްކާތެރި ކުރުމަށް ކުރާ ކޮންމެ ކަމަކީ ތަފުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހާއްސަ ލަވައެއް އެ ރަސްމިއްޔާތުގައި ތައާރަފްކޮށްފައި ވާއިރު، އެ ލަވައިގެ ޅެން ރައީސަށް ވެދުމަށް އަރުވާފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.