Wed, 20 October, 2021, 4:59 am

ދެމަފިރިން އެކަކު އަނެކަކު ހިތުގައި ޖައްސައި، ލޯބި ނެތިދާ ގޮތަށް ބަސް ބުނެގެން ނުވާނެ: ހުތުބާ

Share on twitter
Share on facebook
Share on twitter
Share on facebook

ދެމަފިރިންވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޖެހޭނީ ރިވެތި އަދި އޯގާތެރި ބަހުންކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހެޔޮބަސް ބުނުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ހެޔޮ ބަހެއް ބުނުމަކީ އެ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްެޗެހި ކިޔުމެއް ނުހިމެނޭ، މާތް ﷲ ހަނދުމަކުރުމާއި ތަހުލީލާއި ތަހުމީދާއި ތަސްބީހަ ކިޔުން ކަމަށެވެ. އަދި އެއީ ފައިދާކުރަނިވި އިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ކަމަށައި އެއީ މީސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާ މަގަށް މަގު ދެއްކުން ކަމަށްވެސް ބުންޏެވެ.

ނަމަވެސް ނުބައި ބަސްތައް ބުނުންފަދަ ނޭދެވާ އަމަލުތައް ދިވެހި މުޖުތަމައުން ފެންނަކަމީ ހިތާމަހުރި ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، ނުބައި ބަސްތަކުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދި، މީހުންނަށް މަގު އޮޅި، އެކަކު އަނެކަކާ ޖެހި، މޫނުކެނޑޭނެ ކަމަށާއި މީހުން މަގުފުރެދި، ހައްގުގެ މަގަށް ހުރަސް އެޅޭނެ ކަމަށެވެ.

އަދި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި، ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ހެޔޮބަހުން އެ ބަޔަކާ މުއާމަލާތް ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާ ކަމަށާއި އެމީހުންނާ މުހާތަބު ކުރާ އިރު، ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ. ދަރީން މައިންބަދައިންނާ މުއާމަލާތް ކުރަންވީ ގޮތް ބަޔާންކޮށް ދެއްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!”

ދެމަފިރިންވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޖެހޭނީ ރިވެތި އަދި އޯގާތެރި ބަހުންކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަ ދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައި، އެދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށެވެ. އަދި ޒަވާޖީ ހަޔާތަކީ ލޯތްބާއި އޯގާވެރިކަމުގެ މަތީގައި ބިނާވެފައި އޮންނަންޖެހޭ މުގައްދަސު ގުޅުމެއް ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.