Wed, 20 October, 2021, 6:43 am
ދަގަނޑޭ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ --- ފޮޓޯ: އިމޭޖަސް އެމްވީ

ދަގަނޑޭގެ ގޯލުން ލަންކާ ބަލިކޮށް، ރާއްޖެ ފައިނަލާ ގާތަށް

Share on twitter
Share on facebook
Share on twitter
Share on facebook

ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެ ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.

ލީގު ބުރަކަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށް ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވި ނަމަވެސް, ބަންގްލަދޭޝް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.

އެހެންކަމުން ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ރާއްޖެ މިވަގުތު އޮތީ ދެވަނައިގަ އެވެ. އެއް ވަނައިގައި ނޭޕާލުވެސް އޮތީ ހަ ޕޮއިންޓާއެކު އެވެ.

ތިން ވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝް އޮތް އިރު, ހަތަރެއްގައި އޮތީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, އިންޑިއާ އެވެ. އެ ޓީމަށް މިހާތަނަށް ލިބިފައި ވަނީ ދެ މެޗުން ދެ ޕޮއިންޓެވެ. ލަންކާއަށް މުބާރާތުގައި ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ އިންޑިއާއާ އެއްވަރުކޮށްގެން ހޯދި ޕޮއިންޓެކެވެ. ނަމަވެސް މިއަދުގެ މެޗަށް ނުކުތްއިރުވެސް ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރާއްޖޭން މިއަދުގެ މެޗަށްވެސް ނުކުތީ ފުރަތަަމަ އެގާރައިގައި އަނިޔާގެ ސަބަބުން އަސްހަދު އަލީ (އަޑުބަރޭ) ނުހިމަނައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އިބްރާހިމް އައިސަމް އެވެ.

މިއަދުގެ މެޗު ރާއްޖޭން ވަރުގަދަކޮށް ފެށި ނަމަވެސް ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ފުރަތަމަ ގޯލު ޖެހީ ލަންކާއިންނެވެ. ނަމަވެސް އެ ގޯލު ޖެހި ކުޅުންތެރިޔާ ހުރީ އޮފްސައިޑުގައިކަމުން އެ ގޯލު ބަލައިގެންފައެއް ނުވެ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ހަ ވަނަ މިނެޓުގައި ޖެހީ ދަގަނޑޭ އެވެ. އެ ގޯލު އޭނާ ޖެހީ އަރިމަތިން ހައިޝަމް ނަގައިދިން ހިތްގައިމު ހުރަސް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ.

އެ ގޯލަށްފަހުވެސް ރާއްޖެއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މަހުދީ ހުސެއިން (ފޭދޫ އިއްބެ)ގެ ހަމަލާ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭތާ މަތަކުރި އިރު, އަލީ ފާސިރު (ސެންޓޭ) އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކީޕަރު މުހައްމަދު ފައިސަލަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އޭނާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް, އަދި މުބާރާތުގައި އޭނާއަށް ކުޅެވިދާނެ ކަމެއް އަދި ނޭނގޭ އިރު, ފައިސަލްގެ ބަދަލުގައި ކުޅެން އެރީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ދިވެހި ލީގުގެ ފުރަތަމަ ބުރުގައި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނެނު ޗެކް ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖޭން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން ކައިރިކައިރީގައި ދެ ހަމަލާއެއް ފޮނުވާލިއެވެ. އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ބޯޅަ, ލަންކާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު, އޭރިއާ ބޭރުން ދަގަނޭ ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު އަތަށެވެ.

މެޗުގެ ފަހުކޮޅަށް އެޅިފަހުން ރާއްޖޭގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ. ހާއްސަކޮށް ގިނަ މިސްޕާސްތަކެއް ފެނުނެވެ. އޭގެ ނަތީޖާއަކަށްވީ ލަންކާއިން ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަން ފެށުމެވެ. އެގޮތުން ކިވަންދޫ އިޝާންގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔަ އިރު, އޭނާއަށް ރަނގަޅަށް ނިންމާ ނުލެވުނީ އެވެ.

ހާފުގެ ފަހުކޮޅަށް އެޅި އިރު, ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ނަމަވެސް ރަނގަޅު ތިން ހަމަލާއެއް ފެނިގެންދިޔަ އެވެ.

އެގޮތުން އަރިމަތިން ނާއިޒް ހަސަން (ދާދު) ލަންކާގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަސް, އޭރިއާ ތެރޭގައި ހުސްކޮށް ހުރި އަސަދުالله އަބްދުالله ގެ ބޯމަތިން ދިޔަ އިރު, ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ.

އަދި ފަހުން ހަމްޕުގެ ބަދަލުގައި ކުޅެން އެރި ހަސަން ރާއިފް (ހަންނަ) އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެ އެވެ. އޭރިއާ ތެރެއިން ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު, ހުސްކޮށް ހުރެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި މިރޭ އޮންނާނީ އިންޑިއާއާއި ނޭޕާލް ވާދަކުރާ މެޗެވެ. އެ މެޗުން ނޭޕާލް މޮޅުވެއްޖެނަމަ އެ ޓީމަށް ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.