Tue, 18 January, 2022, 2:41 am

ޗެތުރީގެ ގޯލުން އިންޑިއާއަށް މުބާރާތުގެ ފުރަތަމަ މޮޅާއެކު އުންމީދެއް

Share on twitter
Share on facebook
Share on twitter
Share on facebook

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ކުޅުނު މެޗުގައި 1-0 އިން ނޭޕާލް ބަލިކޮށް އިންޑިއާ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގު ބުރަކަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށް ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި އިންޑިއާ އިން މިހާތަނަށް ތިން މެޗު ވަނީ ކުޅެފަ އެވެ. އެގޮތުން ބަންގްލަދޭޝް އާއި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުންވެސް އިންޑިއާއަށް ލިބުނީ ޕޮއިންޓެކެވެ.

އެހެންކަމުން މިރޭ އިންޑިއާ އިން ހޯދި ފުރަތަމަ މޮޅާއެކު، އެ ޓީމު މިހާރު އޮތީ ފަސް ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ. ނޭޕާލްއާއި ރާއްޖެއަށްވެސް ހަ ޕޮއިންޓު ލިބިފައިވާ އިރު، ގޯލުގެ ތަފާތުން އެއްވަނައިގައި އޮތީ ރާއްޖެ އެވެ. ބަންގްލަދޭޝް އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ހަތަރު މެޗުން އެއް ޕޮއިންޓު ލިބުނު ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

އެހެންކަމުން މި ބުރުގައި ހަތަރު ޓީމަށްވެސް ފައިނަލުގެ ފުރުސަތު އަދި އެބައޮތެވެ.

އެގޮތުން ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާއި ރާއްޖެ ބައްދަލުކުރާ އިރު، ނޭޕާލް ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުތައް އެއްވަރުކޮށްލައިގެންވެސް ރާއްޖެއާއި ނޭޕާލަށް މުބާރާތުގެ ފައިނަލުން ޖާގައެއް ލިބޭނެ އެވެ.

ގަލޮޅު ރަސްމީ ބޯޅަދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ހަމަލާ އުފެއްދީ އިންޑިއާ އިންނެވެ. އަދި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނުނެވެ.

އެގޮތުން ހަނި އޭންގަލުން ޗެތުރީ ނޭޕާލްގެ ގޯލަށް ފޮނުވާލި ބޯޅަ، ގޯލްކީޕަރު ކިރަން ދިފާއު ކުރި އިރު، މެޗުގެ 34 ވަނަ މިނެޓުގައި، އިންޑިއާގެ ބްރެންޑަން ފެނާންޑޭސް، އޭރިޔަ ތެރެއިން ގޯލުގެ ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅައިން އިންޑިއާއަށް ލީޑު ނަގައިދޭން ޗެތުރީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުވެސް އިންޑިއާ އިން ފެށީ ނުރައްކާ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ޔާސިރު މުހައްމަދު ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް، މަންވީރު ބޮލުން ފޮނުވާލި ނަމަވެސް ނޭޕާލްގެ ގޯލްކީޕަރު ކިރަން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. އަދި ފަހުން އޭރިއާ ތެރެއިން ޗެތުރީ މުޅިން ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ މެޗުގެ 82 ވަނަ މިނެޓުގަ އެވެ. ޗެތުރީ އެ ގޯލު ޖެހީ ނޭޕާލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި ގޯލަށްފަހު، މެޗުގެ ފަހުކޮޅު ނޭޕާލުން ކުރިއަށް ޖެހި، މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރިތަން ފެނުނެވެ. ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.