Thu, 8 December, 2022, 10:17 am
ޓިކެޓު ނަގަން ގޮސް ތިބި ބަޔަކު ސޯޝަލް ސެންޓަރު ބޭރު ފާރުބުރި މަތީގައި އިށީންދެގެން --- ފޮޓޯ: ވަން

އެތައް ބަޔަކު ކިޔުގައި ތިއްބައި، 3،000 ޓިކެޓު ވިކި ހުސްވެއްޖެ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުގެ ޓިކެޓު ވިއްކަން ފެށިތާ ތިން ގަޑިއިރު ތެރޭ ދިވެހި ސަޕޯޓަރުންނަށް ކަނޑައެޅި ޓިކެޓުތައް ވިކި ހުސްވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މީގެ ކުރިން ވިދާޅުވި ގޮތުގައި، ހޯމް ޓީމަށް މިފަހަރު ވިއްކަން ހަމަޖައްސާފައި ވަނީ 3000 ޓިކެޓެވެ. އެއީ ކޮންމެ މީހަކަށް ދެ ޓިކެޓުގެ މަގުންނެވެ. އަދި އަވޭ ސަޕޯޓަރުންނަށް 200 ޓިކެޓު ވިއްކަން އޮތީ ނިންމައިފަ އެވެ.

ސޯޝަލް ސެންޓަރުން އެ ޓިކެޓު ވިއްކަން ފެށީ މިއަދު ހެނދުނު 10:00 ޖެހި އިރު އެވެ. ނަމަވެސް ރެއިން ފެށިގެން އެ ސެންޓަރުގެ ބޭރުގައި ގިނަ ބަޔަކު ތިބީ ކިޔު ހަދައިގެންނެވެ.

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތިން ގަޑިއިރާ 30 މިނެޓުގެ ތެރޭގައި ދިވެހި ސަޕޯޓަރުންނަށް ކަނޑައެޅި 3،000 ޓިކެޓު ވިކިފައިވާ ކަމަށެވެ. ނަމަވެސް ސާފަށްފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސަައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޓިކެޓު ވިހި ހުސްވި އިރު، ސޯޝަލް ސެންޓަރުގެ ދެ ފަރާތުން އައިޖީއެމްއެޗާ ހަމައަށް ކިޔު ދަމާލާފައި އޮތެވެ.

ރަސްމީ ބޯޅަދަނޑު ބާވެ ހަލާކުވެފައި އޮތުމުން، 12،000 މީހުންނަށް ވެދެވޭ އެ ސްޓޭޑިއަމަށް މިހާރު ވަދެވެނީ 5،000 މީހުންނަށެވެ. މަހުލޫފު ވިދާޅުވި ގޮތުގައި، އާ ދަނޑެއް އަޅަން ފައިސާ ވަނީ ހަމަޖެހިފަ އެވެ. އެކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.