Tue, 18 January, 2022, 3:24 am
ކްރިމިނަލް ކޯޓު އިމާރާތް -- ފޮޓޯ: ހަފްތާ

ސޭޓު ބަނުމަށްފަހު ފިހާރައިން ފޭރުނު މީހަކު 10 މަހަށް ޖަލަށް

Share on twitter
Share on facebook
Share on twitter
Share on facebook

ފިހާރައަކަށް ވަދެ، އެތަނުގައި އިން ސޭޓު ބަނުމަށްފަހު ފިރހާއިން ފޭރުނު މައްސަލައެއްގައި މީހަކަށް 10 މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެ މައްސަލައިގައި ހުކުމް އިއްވާފައި ވަނީ ހދ. ކުޅުދުއްފުށި/ ބުލޫނިޔާގެ، އަހުމަދު ނަޝީދުގެ މައްޗަށެވެ.

މި މައްސަލައަކީ ސެޕްޓެމްބަރު 2019ގެ ރޭގަނޑު 10:53 އެހާކަންހާއިރު ބުރުޒުމަގުގައި ހުންނަ ޑްރެސް ކޯޑު ފިހާރައަށް ވަދެ، އެ ފިހާރައިގެ ސޭޓަކަށް އިން އަންހެން މީހާ، އޭނާ އިށީންދެގެން އިން ގޮނޑިއާއެކީ އޭނާގެ ވައަތާއި ދެފައި އެއްސެމަށްފަހު، އޭނާ ގެންގުޅުނު ފޯނަކާއި ފިހާރައިގެ ވަތްގަނޑުގައި ހުރި 1735 ރުފިޔާ އާއި ފިހާރައިގައި ގެންގުޅޭ އިތުރު ފޯނެއް ފޭރުނު މައްސަލައެކެވެ.

މި މައްސަލައިގައި ކުށް ސާބިތުވި ނަޝީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރި އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައިވެސް ނަޝީދު ވަނީ ދައުވާއަށް އިއުތިރާފުވާ ކަމަށާއި އެކުށް ކުރެވިފައިވާތީ ދެރަވާ ކަމަށާއި އޭނާއަށް އެ ކުށްކުރެވިފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މަސްތުގެ ހާލަތުގައި ހުރެ ކަމަށް ބުނެފަ އެވެ.

އަދި ދައުވާގައި ބުނާ ފިހާރައިގެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި ދެން ފޭރުނު ފައިސާއާއި ފޯނު ލެވުނު ތަނެއް އޭނާއަށްވެސް ނޭނގޭ ކަމަށާއި ފިހާރައިގެ ސޭޓަކަށް އިން މީހާ އިން ގޮނޑިޔާއެކު އައްސާފައިވާނެ ކަމަށްވެސް ބުންޏެވެ.

ދެ ދައުވާއަށްވެސް ނަޝީދު އިއުތިރާފުވެފައިވާތީ، ދެ މައްސަލަ ބަލަން ނިންމީވެސް އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގަ އެވެ. އަދި އަވަސްނިޔާގެ އަޑުއެހުންތަކުގައިވެސް ނަޝީދު ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެފަ އެވެ.

ފޭރުނު މައްސަލައިގެ އަދަބާ ގުޅޭގޮތުން ވާހަކަދައްކަމުން ދައުލަތުން ބުނީ، އެ ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް ކުށަށް އިއުތިރާފުވެފައިވާތީ، އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްވިނަމަވެސް، ކުށްކުރި ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖުނަހުގެ ކުށެއް ސާބިތުވެފައިވާތީ، އެއް ދަރަޖަ މަތިކޮށް، ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ދައުލަތުން އެދުނެވެ.

އަނިޔާއެއް ދިނުމުގެ މައްސަލައިގައި އަދަބާ ގުޅޭ ގޮތުން ދައުލަތުން ބުނީ، އެ ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް ކުށަށް އިއުތިރާފުވެފައިވާތީ، އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްވިނަމަވެސް، ކުށްކުރި ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖުނަހުގެ ކުށެއް ސާބިތުވެފައިވާތީ، އެއް ދަރަޖަ މަތިކޮށް، ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ދައުލަތުން އެދުނެވެ.

ދެ ދައުވާގެ އަދަބާ ގުޅޭގޮތުންވެސް ނަޝީދު ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް އެދިފަ އެވެ. އަދި އަދަބު ބާވަތް ކަނޑައެޅުމުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް ފުރަތަމަ އެދުނެވެ. ނަމަވެސް ޖޫރިމަނާގެ އަދަބެއް ކަނޑައެޅިޔަސް، އެފަދަ ޖޫރިމަނާއެއް ދެއްކޭނެ ގޮތެއް ނެތް ކަމަށް އޭނާ ފަހުން ބުންޏެވެ.

އެހެންކަމުން ފޭރުނު މައްސަލައިގައި ނަޝީދުގެ މައްޗަށް ހުކުމް ކުރީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ 15 ދުވަހާއި 12 ގަޑިއިރު ބަންދުކޮށްފައިވާތީ، އެއީ 16 ދުވަސް ކަމަށް ބަލައި، ތަންފީޒު ކުރަންޖެހޭ އަދަބަކީ ނުވަ މަހާއި ދެ ދުވަހުގެ މުއްދަތުގެ ޖަލު އަދަބެއް ކަމަށް ހުކުމް ކުރިއެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އަދަބެއް ކަމަށް ހުކުމް ކުރީ ދެ މަހާއި 12 ދުވަހުގެ މުއްދަަތަށް ޖަލަށް ލުމަށެވެ. ނަމަވެސް އެ ކުށަށް ކަނޑައަޅަންޖެހޭ އަދަބު ½ ބަޔަށް ކުޑަކޮށް، 1 މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ދެ މައްސަލަވެސް ބެއްލެވި ގާޒީ ސަފްއަތު ހަބީބު ހުކުމް ކުރެއްވި އެވެ.

ކުށަށް ކަނޑައަޅަންޖެހޭ އަދަބު ½ ބަޔަށް ކުޑަކުރީ، އޭނާގެ މައްޗަށް ފޭރުމުގެ ކުށެއް ސާބިތުވެ ހުކުމް ކޮށްފައިވާތީ، އެއްކުށަށްވުރެ ގިނަކުށް ސާބިތުވާ ހާލަތުގައި އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.