Mon, 29 November, 2021, 5:06 pm
ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު --- ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖެއިން އެނބުރި ފުރާ ދުވަސް ހާމަކުރެވޭކަށް ނެތް، އެކަން ވަނީ މަނާކޮށްފައި: ނަޝީދު

Share on twitter
Share on facebook
Share on twitter
Share on facebook

ރާއްޖެއިން އެނބުރި ފުރާ ދުވަސް ހާމަކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށްފަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖެއިން އެނބުރި ފުރާވަޑައިގަންނަވާނެ ދުވަހަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއިން ފުރާނެ ދުވަސް ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހަށް ނޫން ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު ފުރާ ދުވަސް ދެންނެވޭކަށް ނެތް. އަޅުގަނޑު ގާތުގައި ބުނެފައި އޮތީ އެއްތަނުން އަނެއްތަނަށް ދާނެ ގަޑިއާއި ދުވަހާއި އެބާވަތުގެ މައުލޫމާތު ހިއްސާނުކުރުމަށް” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ހޮޓެލް ޖެންގައި ވަގުތީ ގޮތުން ހުންނަވަނީ ސަރުކާރުން އެމަނިކުފާނަށް ހަމަޖައްސަވާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު، ގ. ކެނެރީގޭގައި ހުންނެވުމަށް އެދުނު ނަމަވެސް މިވަގުތު އެ ޖާގަ ދެވެން ނެތް ކަމަށް އެމްއެންޑީއެފުން އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އިސް ވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ މިހާރުގެ ރައީސް ނަޝީދު އަވަހަރާ ކޮށްލަން ދިން ހަމަލާއަށްފަހުއެވެ.

އެގޮތުން ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް ގާނޫނީ ގޮތުން އެއީ މަޖުބޫރު ކަމަކަށް ބަދަލުކުރިއެވެ. އަދި މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ހާއްސަކޮށް ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ދެ ބިމެއް ސަރުކާރުން ކަނޑައެޅިއެވެ.

ނަމަވެސް ދާއިމީ ގެކޮޅު މަސައްކަތް ލަސްވާނެތީ، ވަގުތީ ގެކޮޅުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖެއްސީ މުރައިދޫގެއެވެ. އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓެއް ވަނީ ކަނޑައަޅައިފައެވެ.

މަޖިލީހުގެ ރައީސަށް ހާއްސަކޮށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތްކުރަން ނިންމާފައިވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ހުސް ބިމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.