Thu, 8 December, 2022, 3:29 pm

ޗެތުރީގެ ދެ ގޯލުން ރާއްޖެ ބަލިކޮށް، އިންޑިއާ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާ ހޯދައިފި އެވެ.

މިރޭގެ މެޗަށް ނުކުތް އިރު، މެޗުން ޕޮއިންޓެއް ލިބިގެންވެސް ރާއްޖެ ފައިނަލަށް ދެވެން އޮތެވެ. އަނެއްކޮޅުން އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށް، ތިން ޕޮއިންޓު ހޯދައިގެންނެވެ. މިވަގުތު އެއްވަނައިގައި އޮތް ނޭޕާލަށް ވަނީ ފައިނަލް ޔަގީންވެފަ އެވެ.

ރަސްމީ ބޯޅަދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންޑިއާ އެވެ. އަދި އިންޑިއާއިން ޕްރެސްކޮށްގެން ކުޅެމުންދިއުމުން ރާއްޖޭގެ ކުޅުންތެރިން އަތުން ބޯޅަ ގެއްލެމުންވެސް ދިޔަ އެވެ. ނަމަވެސް ކުރީކޮޅު މާ ރަނގަޅު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި އިންޑިއާއަށް ލިބުނު ހިލޭ ޖެހުމެއް, ޗެތުރީ ފޮނުވާލި ނަމަވެސް ރާއްޖޭގެ ވޯލުގައި ޖެހިފައި ބުލޮކްވި އެވެ. އަދި އިންޑިއާއަށް ހެދުނު ގޯހަކުން އަލީ އަޝްފާގު (ދަގަނޑޭ) އަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް, ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ އިންޑިއާގެ ޑިފެންޑަރުން ވަނީ ބުލޮކްކޮށްފަ އެވެ.

މެޗުގައި އިންޑިއާގެ ފަރާތުން ފެނުނު އެންމެ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗުގެ 26 ވަނަ މިނެޓުގައި ޗެތުރީއަށެވެ. ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ގޯލެއް ޖެހުމަށް އިންޑިއާއިން ކުރި މަސައްކަތް ކާމިޔާބުވީ 33 ވަނަ މިނެޓުގަ އެވެ. ހުސެއިން ނިހާނު (ނިހާޓު) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި, ބްރެންޑަން ދިން ބޯޅައަކުން އެ ގޯލު ކާމިޔާބު ކުރީ މަންވީރު ސިންހެވެ. ރާއްޖޭގެ އަރިމަތިން ދުވެފައި ގޮސް, އޭނާ އެ ގޯލު ކާމިޔާބު ކުރީ ހިމަ އޭންގަލުންނެވެ.

އެ ގޯލަށްފަހު އިތުރު ގޯލެއް ޖެހުމަށް އިންޑިއާ އިން މަސައްކަތް ކުރިތަން ފެނިގެންދިޔަ އެވެ. އަދި އެ ޕްރެޝަރާ ހެދި އިންޑިއާގެ ޑިފެންސަށް ގިނަ މިސްޓޭކުތަކެއް ހެދުނެވެ.

މެޗުގެ ނަތީޖާ ރާއްޖެއިން ހަމަހަމަކުރީ މެޗުގެ ފުރަތަމަ ހާފުގެ ވަގުތު މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އިންޑިއާ ޕެނަލްޓީ އޭރިއާ ތެރެއިން ސަމޫހް އަލީ (ހަމްޕު)އަށް ޕްރިތަމް ކޮޓާލް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެންލަޓީއެކެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދަގަނޑޭ އެވެ.

ދެވަނަ ހާފަށް ނުކުމެ ހާފުގެ ކުރީކޮޅު ރާއްޖޭގެ ފަރާތުން ކުޅުން ރަނގަޅު ކުރިތަން ފެނުނެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ހެދި ގޯސްތައް ނުފެނުނެވެ. އެއާ އެއްވަރަށް އިންޑިއާގެ ފަރާތުންވެސް ލީޑު ފުޅާ ކުރުމަށް މަސައްކަތް ކުރި އެވެ. ނަތީޖާއަކަށްވީ މެޗުގެ 62 ވަނަ މިނެޓުގައި އެކަން ކާމިޔާބު ކުުރުމެވެ.

މަންވީރު މެއިން ޖައްސާލި ބޯޅައެއް ވަރަށް ބާރަށް ރާއްޖޭގެ ގޯލަށް ފޮނުވާލައިގެން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. އެ ގޯލަށްފަހު ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އިންޑިއާގެ ކީޕަރު ގުރްފްރީތު ސިންގް މަތަކުރި އެވެ.

އިންޑިއާ އިން ލީޑު ނެގިތާ ހަ މިނެޓު ފަހުން އެޓީމުން އިތުރު ގޯލެއް ޖަހައި, ލީޑު ފުޅާކުރި އެވެ. ހިލޭ ޖެހުމަކުން ޕްރިތަމް ކޮޓާލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން އެ ގޯލު ކާމިޔާބު ކުރީޗެސް ޗެތުރީ އެވެ.

އެ ގޯލަށްފަހު ރާއްޖެއަށް އަނެއްކާވެސް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅެން އެރުވި އުމައިރު ފޮނުވާލި ހިލޭ ޖެހުމުން ސެންޓޭ އުފެއްދި ހަމަލާ އިންޑިއާގެ ކީޕަރު މަތަކުރި އެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޑިއާގެ ކޯޗު ސްޓިމަކް އިގޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ވަނީ ދައްކައިފަ އެވެ.

މުބާރާތުގެ ފައިނަލުގައި އިންޑިއާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ އެ މެޗުގައި ކުޅޭ ނޭޕާލަކީ ސާފްގެ ފައިނަލަށް މުޅިން އާ ޓީމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.