Mon, 29 November, 2021, 5:26 pm
ދަނގެތީގައި މަރާލި މީހާ ލައިފާ އޮތް ވަޅު --

މަހުމޫދުގެ މަރު: ވައިނޮޅީގެ ދެ ފަރާތަށާއި ބޮލުގެ ހަ ތަނަކަށް ހަމަލާދިން، ވަޅު ކައިރިން ވަޅިއެއް ފެނުނު

Share on twitter
Share on facebook
Share on twitter
Share on facebook

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު މެޗަށްފަހު އޭނާ ނުކުތީ ބޭރަށެވެ. އެއީ ރަށުތެރެ ބަލާލުމަށާއި މީހުންނާ ވާހަކަދައްކާލަން އާންމުކޮށްވެސް އޭނާ ގެއިން ބޭރަށް ނުކުމެލާ ވަގުތެކެވެ. ރަށުގެ ބައެއް މީހުން ބުނާ ގޮތުން އޭނާ ގެއިން ނުކުތީ ފޯނެއްގަ އެވެ. ނަމަވެސް އެއީ ހެޔޮ ހާލުގައި މަހުމޫދު އަބޫބަކުރު، 57، އާއިލާގެ މީހުންނަށް ފެނުނު އެންމެ ފަހު ވަގުތުކޮޅެވެ. އެއަށްފަހު އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. އިރު އެރިއިރުވެސް ގެއަކަށް ނާދެ އެވެ. އެހެންކަމުން އޭނާ ގެއްލިގެން އުޅޭކަން ހެނދުނު ދިހައެއް ޖަހާކަންހާ އިރު އާއިލާގެ ފަރާތުން ކައުންސިލަށް ހުށަހެޅި އެވެ.

އެގޮތުން އެންމެ ފުރަތަމަވެސް މަސައްކަތް ކުރީ މަހުމޫދުގެ ފޯނަށް ގުޅާށެވެ. ރިންގުވެ އެވެ. ނަމަވެސް ޖަވާބެއް ނުދެ އެވެ. ފަހުން ފުލުހުންގެ މަސައްކަތުން އެނގުނު ގޮތުގައި، މަހުމޫދުގެ ފޯނު އޮތީ އެ ރަށުގައި އެންމެ އުތުރުގައި ނަގާފައި ހުންނަ ދިރާގު ޓަވަރާ 300 މީޓަރުގެ ތެރޭގަ އެވެ. މޫދު ހުންނަނީ އެ ޓަވަރާ 100 މީޓަރެއްހާ ދުރުގައި ކަމުން، އެންމެ ފުރަތަމަ ބެލީ މޫދެވެ. އެކަމަށް ސީ އެމްބިއުލާންސްވެސް ބޭނުންކުރި އެވެ. ނަމަވެސް ނުފެނުނެވެ.

ރަށު ތެރޭގައި ކަންބޮޑުވުން އުފެދި، މަހުމޫދު ހޯދުމުގެ އޮޕަރޭޝަން ފުޅާކުރި އެވެ. މުއައްސަސާތަކާއި ރައްޔިތުން ގުރޫޕުތަކަށް ބަހާލުމަށްފަހު ނުކުމެ، ރަށު ތެރެއާއި ފަޅުތެރެ އަދި ފަޅުގެތައްވެސް ބަލަން ފެށި އެވެ. އޭގެ ތެރެއިން ގުރޫޕެއް ވަން ފަޅުގެއަކީ ރަށު މީހުން އާންމުކޮށް ހިނގައި ނޫޅޭ މަގެއްގައި ހުންނަ ފަޅުގެ އެކެވެ. އޭރު މެންދުރުފަހު 2:30 ހާއިރުވެއްޖެ އެވެ. އެތަނުން މަހުމޫދު ފެންނާނެ ކަމަށް އުންމީދު ނުކުރި ނަމަވެސް، ގޭ ތެރޭގައި ޓިނު ޖަހާފައި ހުރި ވަޅެއްގެ ޓިނުގަނޑުތައް ކަހާލުމުން ލިބުނީ ސިހުމެކެވެ.

ވައިނޮޅީގެ ދެ ފަރާތުން ވަޅި ހަރާފައި ހުރި

އެ ވަޅުތެރެއަށް މަހުމޫދު ވައްޓާލާފައި އޮތީ ފައި އެއްސުމަށްފަހު، ބޯކޮޅު ފެންގަނޑުގެ ތެރެއަށެވެ. ފައިކޮޅު އޮތީ މައްޗަށެވެ. ފަޔާއި ބޯ އޮތީ ސުތުލި ގޯންޏަކަށް ލައި އައްސާފަ އެވެ. ވަޅުގައި އޮތް އިރު މަހުމޫދުގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނާކަށް ނެތެވެ.

ނަމަވެސް ފުލުހުންގެ ފޮރެންސިކް ޓީމުން އެތަނަށް އަންނަންދެން ވަޅުތެރޭގައި މަހުމޫދު ބާއްވާފައި އޮތުމަށްފަހު، ވަޅު ތެރެއިން އޭނާ ނެގީ ހަވީރު 5:30 އެހާކަންހާއިރު އެވެ. ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާ ގޮތުން، މަހުމޫދު ވަޅުން ނެގި އިރު، ގިނަ އަދަދެއް ލޭ އައެވެ. އަދި ހިނަވާގެއަށް ގެންގޮސް ބާއްވާފައި އޮތް ފޮތިގަނޑުގައި، ބޮލާ ދިމާލުގައި ލޭ ހުރި ކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ދަނގެތީ ކައުންސިލު މެމްބަރު ނައީމާ އަހުމަދު “ހަފްތާ” އަށް ވިދާޅުވި ގޮތުގައި، މަހުމޫދުގެ ބޮލުގެ ހަ ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އަދި ކަރުގެ ނޭވާ ހޮޅިއާ ދިމާލަށް ދެ ފަރާތުން ވަޅި ހަރާފައިވެސް ހުއްޓެވެ.

ނައީމާ ވިދާޅުވީ، މަހުމޫދު ވައްޓާލާފައި އޮތް ވަޅު ހުރި ސަރަހައްދާ ކައިރިން ވަޅިއެއް ފެނުނެވެ. ވަޅި ފެނުނީ  ގަހަކަށް ޖަހާފައި ހުއްޓަ އެވެ. އެ ވަޅީގައި ލޭ ހުރި ކަމަށް ރަށުގެ ބައެއް ރައްޔިތުން ބުނި ނަމަވެސް، އެ ވަޅިން ލޭގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް ނައީމާ ވިދާޅުވި އެވެ. އަދި ފުލުހުން މިހާރު ވަނީ އެ ވަޅި ގެންގޮސްފަ އެވެ.

ތުހުމަތުގެ އިނގިލި ދެ މީހަކަށް

މަހުމޫދަށް ހަމަލާ ދިން ކަމަށް ރަށު މީހުންނަށް ޝައްކު ކުރެވެނީ ދެ މީހެއްގެ މައްޗަށެވެ. އެކަކީ އެ ރަށުގެ ފިރިހެނަކާއި ތޮއްޑޫ އަންހެނަކަށް ލިބިފައި ހުރި ދަރިއެކެވެ. ދެވަނަ މީހާއަކީ އެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ ދޮން ދަރިއެކެވެ. “ހަފްތާ” އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ކުރިން ދިރިއުޅެމުން އައީ މަންމަ ކައިރީގައި ތޮއްޑޫގަ އެވެ.

ނަމަވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އެ ދެމީހުން އެރަށުން ބޭލުމުން ދެން އައިސް އުޅެނީ ދަނގެތީގަ އެވެ. ދިރިއުޅެމުން ދަނީ ބައްޕަގެ ގޭގައެވެ. އެ ދެމީހުން ދަނގެތީގައި އުޅޭތާ އަދި މާގިނަ ދުވަހެއް ވެފައިނުވާ އިރު، މާ ގިނައިން ރަށު މީހުންނާ ވާހަކަ ދައްކައެއްވެސް ނޫޅެ އެވެ. މަސައްކަތެއްވެސް ނުކުރެ އެވެ. ނަމަވެސް މަހުމޫދު ގެއްލިގެން ހޯދަމުން ދިޔަ އިރު، އެމީހުން މަސައްކަތެއްގައި ބުރަކޮށް އުޅުނެވެ.

މަހުމޫދަކީ ކާޑާއި ގޭސްފަދަ ޒަރޫރީ ގިނަ އެއްޗެހި ރަށަށް ގެންގޮސް އެ އެއްޗެހި ވިއްކަމުންދާ ރަށުގެ ގަދަރުވެރި މީހެކެވެ. އަދި ރަށުގައި އޭނާގެ ކެފޭއަކާއި ސްޕަލައި ދޯންޏެއްވެސް އޮވެ އެވެ. ނަމަވެސް ރަށުގައި އޭޓީއެމެއް ނުހުންނާތީ، އަބަދުވެސް އޭނާގެ ވޮލެޓުގައި ގިނަ އަދަދެއްގެ ފައިސާ ގަނޑުކޮށް ހުރެ އެވެ.

ރަށުގެ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، މަހުމޫދު މަރާލާފައިވަނީ އޭނާގެ އަތުން ފޭރިގަތުމަށް ނުވަތަ ވައްކަމަކަށްފަހު އެވެ. ސަބަބަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު އިރު ވޮލެޓު ފެންނާކަށް ނެތެވެ. އަދިވެސް އެ ވޮލެޓެއް ނުފެނެ އެވެ. ދެވަނަ ސަބަބަކީ މަހުމޫދު މަރާލި ކަމަށް ތުހުމަތުވާ ދެމީހުން، މިއަދު މާ ބުރަކޮށް މަސައްކަތެއްގައި އުޅުމެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހުންނާ ދިމާލަށް ރަށުގެ ރައްޔިތުން ގޮސް ހަމަނުޖެހުން ހިންގަން ފެށުމުން، ފުލުހުން ވަނީ އެދެމީހުން ސްޓޭޝަނަށް ގެންގޮސްފަ އެވެ. ނަމަވެސް ހައްޔަރުކުރިކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އަދި އެ ހާދިސާގެ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ހާއްސަ ޓީމެއް މިހާރު ވަނީ އެ ރަށަށް ގޮސްފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Mikahala konme meehakah mi raahjeyga himyai dheyne . Rayyithun nukume insaafu hodhaa. Mi raahjeyge shareeathakun insaafeh nulibeyne.

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.