Mon, 29 November, 2021, 4:28 pm
17 އޮކްޓޯބަރު 2021, މާލެ, ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި މަރުވި މަރިޔަމް ނާހިދާގެ ޖަނާޒާގެ ތެރެއިން --- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

”ދަރިއަކު މަރުވާ ދުވަހަކުން އަހަރެންވެސް މަރުވާނެ”

Share on twitter
Share on facebook
Share on twitter
Share on facebook

”ދަރިންނަށް ކަމެއް ވެއްޖެއްޔާ އަހަރެން ދުނިޔެއަކު ނުހުންނާނެ. ދަރިއަކު މަރުވާ ދުވަހަކުން އަހަރެންވެސް މަރުވާނެ”

މިއީ ދަތުރުކުރަމުންދިޔަ ލޯންޗަށް ޖެހި ރާޅަކާއެކު ގަދަ ކަނޑަށް ވެއްޓި މަރުވި މަރިޔަމް ނާހިދާ އަބަދުވެސް ބުނާ ބަހެކެވެ. ތެދެކެވެ. އޭނާ މިއަދު ދުނިޔެއަކު ނެތެވެ. އެ ހާދިސާގައި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅުވެސް ވަނީ މާކަނޑަށް ގެއްލިފަ އެވެ. ދަރިފުޅު އަދިވެސް ނުފެނެ އެވެ. ދުނިޔޭގައި ތިބީ ހަ އަހަރުގެ ދަރިފުޅާއި ފިރިމީހާ އެވެ.

ނަމަވެސް ނާހިދާ އެބުނާ ވާހަކައިގެ ފުންކަމެވެ. މަޔަކު ދަރިންނަށް އޮތް މިނެތް ނެތް ލޯތްބެވެ. ލޮލުގެ ކޮއެފަދަ އެކުދިން ނެތް ދުނިޔެއެއްގައި އޭނާ ހުންނަން ބޭނުން ނުވާ ވާހަކަ އެވެ. އެކަމުގެ ހިތްދަތިކަން އޭނާއަށް ވަޒަންކޮށް، އިހުސާސް ކުރެވޭ ހާލުގަ އެވެ. ދަރިއަކު ވަކިވެދާން ބޭނުން ނުވާކަން ގަދަ ކަނޑު ތެރޭގައި ނާހިދާ ދެއްކި ހިތްވަރުންވެސް އެނގެއެވެ. އެއީ ވަރުގަދަ ގުރުބާނީއެކެވެ.

ފަހު ނޭވައާ ހަމައަށް ބެލީ ދަރިފުޅު ސަލާމަތް ކުރެވޭތޯ

ނާހިދާއާއި އޭނާގެ ފިރިމީހާ އަދި ދެކުދިންނާއެކު މާލެއިން ދެމީހުންގެ އުފަން ރަށް، ވ. ފުލިދޫއަށް ދަތުރު ފެށީ ސްކޫލު ޗުއްޓީއަށެވެ. އާއިލާއާ ބައްދަލުކޮށްލައި، އުފާވެރި ދަތުރެއްގެ އުންމީދުގަ އެވެ. ނަމަވެސް 29 މީހުންގެ ޖާގަައިގެ ޑްރީމް ސްޕީޑް -2 އަށް އެމީހުން އެރި އިރުވެސް މޫސުން ގޯހެވެ. ވައިގަދަވެފައި ކަނޑުގަދަ އެވެ. މަޖުބޫރުވެގެން ނޫނީ ދަތުރު ނުކުރުމަށް އިދާރާތަކުން ތަކުރާރުކޮށް ދިޔައީ އިލްތިމާސް ކުރަމުންނެވެ. އިންޒާރުތައް ދެމުންނެވެ. ގަދައިގައި ދަތުރު ނުކުރުމަށް ރަށުގައި ތިބި އާއިލާއިންވެސް ދިޔައީ އެދެމުންނެވެ.

ނަމަވެސް ޗުއްޓީއަށް މާލެ އައިސް ހުރި ފިރިމީހާ، އެނބުރި ވަޒީފާއަށްވެސް ނުކުންނަން ޖެހިފައި އޮތުމުން ދަތުރު ފެށި އެވެ. ހަގު ދަރިފުޅު ޖުއެލް އިނީ ނާހިދާގެ އުނގުގަ އެވެ. ދޮށީ ދަރިފުޅު ޖައިޝް އިނީ ފިރިމީހާގެ އުނގުގަ އެވެ. ކުޑަ އާއިލާއެއްކޮށް ތިބީ ލޯންޗުގެ އެންމެ ފަހަތުގައި ކަމަށްވެ އެވެ. ބިޔަ ރާޅުތައް ކަފަމުން، ޖަހަމުން ގޮސް އޮޅުވެލި ރިސޯޓު ހުރަސްކޮށް ދެވިއްޖެ އެވެ.

ކުއްލިއަކަށް ޖެހި ރާޅެކެވެ. ލޯންޗު އަރިއަޅާލި އެވެ. އެވަގުތު ސަތަރިގަނޑު ފަޅައިގެން ގޮސް، ނާހިދާއާއި ހަތަރު އަހަރުގެ ދަރިފުޅު ވިއްސައިގެން ގަދަ ކަނޑަށް ވެއްޓުނެވެ. ނާހިދާގެ އަތުން ދަރިފުޅު ބީވި އެވެ. ހަމަ އެވަގުތު ނާހިދާއާއި ދަރިފުޅު ސަލާމަތް ކުރަން ފިރިމީހާ ކަނޑަށް ފުންމާލި އެވެ. ގަދަ ކަނޑުގައި ދެމައިން ސަލާމަތް ކުރެވޭތޯ އޭނާ ބެލި އެވެ. ނަމަވެސް އެވަގުތުވެސް ބިޔަ ރާޅުތަކުގެ ތެރޭގައި ނާހިދާ ދިޔައީ ފަތަމުންނެވެ. ދަރިފުޅު ފެނޭތޯ އެވެ. އެންމެ ފަހުން ފިރިމީހާގެ އަތުގައި ނާހިދާ ޖެހުނު އިރު، ފަހު ނޭވާ އޮތީ ދޫކޮށްލައިފަ އެވެ.

“ނާހިދާ ވަރަށް މަސައްކަތް ކުރި ދަރިފުޅު އަތުޖެހޭތޯ. ފިރިމީހާ އަތުގައި ހިފަން އަތް ދިއްކުރީމަވެސް އޭނާ ބެލީ ދަރިފުޅު ފެނޭތޯ. އެ މާސިންގާ ކަނޑުގައި ނަގާ ރާޅުތަކުގައި ފެތޭނީވެސް ވަކި ވަރަކަށްތާ. އެންމެ ފަހުން ނާހިދާގެ ފިރިމީހާ އޭނާ ނެގީ، އިރުކޮޅެއްވީ އިރު ނާހިދާގެ ހަބަރު ހުސްވެއްޖެ،” ދަރިއަށްޓަކައި ނާހިދާވި ގުރުބާނީ އަޑުއިވިފައި، ހުއްޓިފައި ހުރި އޭނާގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާ ބުޝްރީ މޫސާ “ހަފްތާ” އަށް ކިޔައިދިނެވެ.

އޭނާ ބުނީ، ނާހިދާއަކީ އޭނާގެ ދަރިންނާއި ފިރިމީހާއަށްޓަކައި އަބަދުވެސް ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުންނަ މީހެކެވެ. އަދި ދަރިންދެކެ އެހާ ލޯބިވާ މަޔަކު، އަދި ފިރިމީހާ ދެކެ އެހާ ލޯބިވާ އަތްނބަކު އަދި ނުދެކޭ ކަމަށާއި ލޯމަތިން ދަރިފުޅު ގެއްލުމާއެކު ނާހިދާގެ ފުރާނަ ގެއްލުމުން ނާހިދާ އަބަދުވެސް ބުނަމުން އައި ވާހަކަ ހަނދާނަށް އައި ކަމަށްވެސް ބުންޏެވެ.

އިއްޔެ ކަނޑުމައްޗަށް ޖެއްލުނު ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ނުފެނެ އެވެ. އޭނާ ހޯދުމަށް ގަދަކަނޑުގައި އަދިވެސް މަސައްކަތް ކުރަމުންދާ އިރު، ނާހިދާގެ ޖަނާޒާ މިއަދު ވަނީ މާލޭގައި ބާއްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.