Sat, 22 January, 2022, 7:19 pm
ސާޗް ޗެމްޕިއަންޝިޕް 2021ގެ ތަށި އިންޑިއާ އިން އުފުލާލަނީ --- ފޮޓޯ: އިމޭޖަސް. އެމްވީ

ސާފުގެ ފުރަތަމަ ތައްޓަށް ނޭޕާލުން ކުރި އުންމީދު އިންޑިއާއިން ފުނޑުފުނޑު ކޮށްލައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލުގައި 3-0 އިން ނޭޕާލު ބަލިކޮށް، އިންޑިއާއިން މުބާރާތް ކާމިޔާބުކޮށްފި އެވެ.

ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ގައުމު، އިންޑިއާ އިން މިހާތަނަށް 12 ފައިނަލް ކުޅެފައިވާ އިރު، މިއީ އިންޑިއާއިން މުބާރާތް ކާމިޔާބުކުރި އަށް ވަނަ ފަހަރެވެ. އެޓީމުން އެންމެފަހުން މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2015 ވަނަ އަހަރެވެ. އަނެއްކޮޅުން މިއީ ނޭޕާލުން ތާރީހުގައި ކުޅުނު ފުރަތަމަ ފައިނަލެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗަށް ދެ ޓީމުން ނުކުތް އިރު، ދެ ޓީމުގެ ކޯޗުން ތިބެންޖެހުނީ ގޮނޑި ބަރީގަ އެވެ. އެގޮތުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކްއަށް ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދައްކާފައިވާ އިރު، ނޭޕާލް ކޯޗު އަބްދުﷲ އަލް މުތައިރީއަށް ވަނީ ދެ ރީނދޫ ކާޑު ދައްކައިފަ އެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމުންވެސް ގޯލެއް ޖަހައި މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރިތަން ފެނުނެވެ. ފުރަތަމަ ހާފުގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށެވެ. ނަމަވެސް ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައި ނުވާއިރު، ދެވަނަ ހާފަށް އިންޑިއާ ނުކުތީ ވަރުގަދަކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އިންޑިއާއިން ގޯލެއް ޖެހި އެވެ. އެ ގޯލު ކާމިޔާބު ކުރީ ޗެތުރީއެވެ. އެ ގޯލު އޭނާ ކާމިޔާބު ކުރީ ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

އެ ގޯލު ޖެހިތާ މިނެޓެއް ނުވެ، އިންޑިއާ އިން ދެވަނަ ގޯލެއް ޖެހި އެވެ. އެ ގޯލަކީ ޔާސިރު ދިން ބޯޅައަކުން ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ސުރޭޝް ސިންހް ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ.

މެޗުގައި އިންޑިއާއިން ޖެހި ތިންވަނަ ގޯލު ޖެހީ މެޗުގެ 90 ވަނަ މިނެޓުގަ އެވެ. ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި ކުޅެން އެރި ސަހަލް އަބްދުލް ސަމަދެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރޭ ގަލޮޅު ދަނޑުގައި ބޭއްވި އިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ރާއްޖެ އެވެ. ރާއްޖޭގެ އެވޯޑާ ހަވާލުވެފައިވަނީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ އެވެ.

ފައިނަލު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޗެތުރީ އެވެ. މި މުބާރާތުގައި ޗެތުރީ ޖުމުލަ ފަސް ގޯލު ވަނީ ޖަހައިފަ އެވެ. މި ފަސް ގޯލާއެކު ޗެތުރީ ވަނީ ގައުމީ ޓީމަށް މިހާތަނަށް 80 ގޯލު ޖަހައިދީފަ އެވެ. އެއީ އާޖެންޓީނާގެ ލިއޮނެލް މެސީ ގައުމީ ޓީމަށް ޖެހި ގޯލުގެ އަދަދާ އެއްވަރު އަދަދެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.