Fri, 21 January, 2022, 6:30 am

ކާށިދޫ ގަދަ ކަނޑުގައި ބިރުވެރި ދެގަޑިއިރު! ސަލާމަތުން ގެއަށް އައި އިރު، މަންމަ ދުއާ މަތީގައި

Share on twitter
Share on facebook
Share on twitter
Share on facebook

ދަތުރުކުރަމުންދިޔަ ލޯންޗަށް ކުއްލިއަކަށް ޖެހި ރާޅަކާއެކު ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ގެއްލުނުތާ މިއަދަށް ތިން ވަނަ ދުވަހެވެ. ކުއްޖާ އަދިވެސް ނުފެނެ އެވެ. އެ ފުން ހިތާމައިގައި މުޅި ގައުމު އޮއްވައި، މިއަދު އަނެއްކާވެސް އެފަދަ ހާދިސާއެކެވެ. ބ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ދޯންޏަކުން ޒުވާނަކަށް ކަނޑަށް ވެއްޓި ގެއްލުނު ވާހަކަ އެވެ. ގެއްލުނީ ގަދަ ކަމަށް މަޝްހޫރު ކާށިދޫ ކަނޑަށެވެ. މިއަދަކީ މޫސުން ގޯސް، ވިއްސާރަ ދުވަހެއް ކަމުން އެކަނޑަށް ގެއްލޭ މީހަކު ފެންނާނެކަމުގެ ބިރު އަދި މާބޮޑެވެ.

ކ. ކާށިދޫއަށް އުފަން އިބްރާހީމް ލީވާން ކަނޑަށް ވެއްޓުނީ ދޯނީގެ ފަހަތުކޮޅުގައި ހުއްޓަ އެވެ. ނަމަވެސް ދޯނީގައި އޭނާ ނެތްކަން ދޯނީގައި ތިބި މީހުންނަށް ރޭކާލީ ބައި ގަޑިއިރެއްހާ އިރު ފަހުންނެވެ. ލީވާން ގެއްލުނުކަން ކަމާބެހޭ ފަރާތްތަކަށް އެންގީ އެވަގުތު އެވެ. ނަމަވެސް އޭރު އޭނާ ވެއްޓުނު ކަމަށް ބެލެވޭ ތަނެއް ދޯންޏަކަށްވެސް ނޭނގެ އެވެ.

ނަމަވެސް ލީވާން ގެއްލިގެން އުޅޭކަން އޭނާގެ މަންމަ އާގިސާ އަބްދުﷲ އަށް އެނގުނީ ގެއްލުނުތާ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. އޭރު ހުރީ މެންދުރު ނަމާދަށް ގާތްވެފަ އެވެ. ލީވާންއަކީ އާގިސާއަށް ލިބިފައިވާ ހަތަރު ފިރިހެން ދަރީންގެ ތެރެއިން ކުއްޖެކެވެ. ދަރިފުޅު ގެއްލުނު ހަބަރާއެކު އޭނާ އަވަހަށް އެރީ ނަމާދަށެވެ.

“އެވަގުތު އެއްވެސް ބިރުވެރިކަމެއް ހިތަކަށް ނުގެންނަން. އުންމީދު ކުރީ އަވަހަށް ފެންނާނެ ކަމަށް. އެ ހަބަރު ލިބުނު ވަގުތާ ނަމާދު ވަގުތާ ދިމާވީ. ދެން އަވަހަށް އެރީ ނަމާދަށް،” އާގިސާ ކިޔައިދިނެވެ.

ދެގަޑިއިރެއްހާ އިރު، ގަދަ ކަނޑުގައި ފެތުމަށްފަހު ލީވާން ސަލާމަތުން ރަށަށް އެރީ މުސްލިމެއްގެ އެންމެ ވަރުގަދަ ހަތިޔާރު އާގިސާ ނަގައިގެން އިންދަ އެވެ. ދަރިފުޅު ހެޔޮ ހާލުގައި ލެހެއްޓެވުމަށް އެދި އާގިސާ އިނީ ދުއާ މަތީގަ އެވެ.

ލީވާން ރަށަށް އެރީ ރަށުގެ ވަލު ފަރާތުންނެވެ. ފޭބި ގޮތަށް ދިޔައީ ކައިރީގައި ހުންނަ އާއިލާ މީހެއްގެ ގެއަށެވެ. އޭރު އެ ގޭގެ މީހުންވެސް ތިބީ ލީވާން ގެއްލިގެން އެކަމާ ކަންބޮޑުވެ، ހާސްވެފަ އެވެ. ނަމަވެސް އޭނާއަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ހަމައެކަނި ލިބުނު ހާނިއްކައަކީ ފަރުމައްޗަށް އެރިއިރު ފައިގެ ބައެއް ތަންތަން މަށައިގެން ދިއުމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.