Mon, 29 November, 2021, 4:30 pm

ރަސޫލާ ހަދީޡް ކުރައްވާފައިވެއެވެ. ”ސަދަގާތަކީ މުދަލުން އުނިވާ އުނިވުމެއް ނޫނެވެ”

Share on twitter
Share on facebook
Share on twitter
Share on facebook

މާތް ﷲ އިންސާނުންގެ ތެރެއިން ބައެއް މީހުންނަށް ރިޒުގު ތަނަވަސްކޮށްދެއްވައި، ތަފާތު ބާވަތްބާވަތުން މުއްސަނދިކަން ދެއްވަނީ، އެބައިމީހުން އިމްތިހާނު ކުރެއްވުމަށްޓަކައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“ޒަކާތްދިނުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ޒަކާތް ދިނުމަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމަށާއި ކީރިތި ޤުރުއާނުގައި ނަމާދު ގާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާ ގުޅިގެން ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައި ވުމުން އިސްލާމް ދީނުގައި ޒަކާތަށް ދެވިފައިވާ ގަދަރު ވަރަށް ރަނގަޅަށް ފާޅުވާ ކަމަށެވެ.

މާތް ﷲ ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ވަރަށް މަތިވެރި ހިކުމަތަކަށްޓަކާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ޒަކާތުގެ ސަބަބުން އަޅުތަކުންގެ ހިތްތައް ދަހިވެތިކަމުގެ ނުބައި ސިފައިން ސަލާމަތްވާ ކަމަށެވެ. އަދި އެބައިމީހުންގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވައި، އިތުރު ކުރައްވާ ކަމަށް ބުންޏެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ސަދަގާތަކީ މުދަލުން އުނިވާ އުނިވުމެއް ނޫނެވެ.”

ހުތުބާގައި ބުނީ ޒަކާތް ދިނުމަކީ މާތް ﷲ މުދާ ތާހިރު ކުރައްވައި، ރައްކާތެރިކޮށްދެއްވާނެ ކަމެއް ކަމަށެވެ. ނަމަވެސް ޒަކާތް ދިނުމުން މަނާވެގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެއީ ވޭންދެނިވި އަޒާބު ހުރި ކަމެއް ކަމަށް ބުންޏެވެ.

އަދި މުސްލިމުންގެ ފުރަތަ ހަލީފާ އަބބަކުރުއްސިއްދީގުގެ ހިލާފަތުގެ ދުވަސްވަރު، ޒަކާތް ދިނުމުން މަނާވެގަތް މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މުދަލަކީ މާތް ﷲ ދެއްވާ އެއްޗެއް ކަމަށާއި އެކަލާނގެ އިރާދަ ކުރެއްވި އަޅަކު، މުއްސަނދި ކުރައްވާ ކަމަށެވެ. އަދި އިސާހިތަކު މީހެއްގެ މުއްސަނދިކަން ފަގީރުކަމަށް ބަދަލުކުރައްވާ ކަމަށްވެސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.