Fri, 21 January, 2022, 7:15 am
ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރަން ދައްކާ ވާހަކަތަކަށް ވުރެ އަމަލު ގިނަކުރަންޖެހޭ: ރައީސް

Share on twitter
Share on facebook
Share on twitter
Share on facebook

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު އެކަމަށް އެދިވަޑައިގެންނެވީ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދުބާއީ އެކްސްޕޯގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައްފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަކުރަންޖެހޭ ކަމަށެވެ.

އަދި ދެމެހެއްޓެނިވި، ވިލުންތެރި އަދި ތިމާވެއްޓާ ރައްޓެހި މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި ވަކިން ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ވަސީލަތްތައް ގާއިމުކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ދުބާއީ އެކްސްޕޯ ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އާ ހައްލުތަކެއް ހޯދުންކަން ފާހަގަކުރައްވައި ރައީސް ވަނީ، ދުބާއީ އެކްސްޕޯއަކީ އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތައާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވައިފަ އެވެ.

އަދި ދުބާއީ އެކްސްޕޯއަކީ އެއް ގައުމު އަނެއް ގައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުސަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަގުބަލަކާ ދިމާއަށް ދަތުރުކުރުމަށް ފުރުސަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއްކަންވެސް ފާހަގަކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.