ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަވެ، ވަޔާއި ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ފަހު ދަތުރުތައް ރޭވުމަށް އެދޭކަމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާ ބެހޭ މައުލޫމާތު އަންގަން އެދޭ ކަމަށެވެ.
އަދި ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފް ޖެކެތާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕުފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ، ކުދި އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިގައި ދަތުރު ނުކުރުމަށް އެމްއެންޑީއެއިން ވަނީ އެދިފައެވެ.
އޭގެ އިތުރުން، މުދާ އުފުލާ ބޯޓު ފަހަރު މުދާ ބަރުކުރުމުގައި ގަވާއިދަށް އަމަލު ކުރުމަށާއި، ލައިސަންލުމުގައި ރަނގަޅާށް އައްސާފައި ބެހެއްޓުމަށް އެދިފައި ވެއެވެ.
ރާއްޖޭ އިރުއުތުރުން، ސްރީ ލަންކާ ކައިރީގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާތީ، އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރަމުންދާ ކަމަށް މެޓް އޮފީހުމް މިއަދު ވަނީ ބުނެފައެވެ. އެގޮތުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.