Mon, 29 November, 2021, 4:30 pm

އިސްލާމް ދީނާ ދުރުހެލިވަމުން ދިޔަވަރަކަށް އަހުލާގު ނުބައިވެ، އެބަޔަކު ދާނީ ހަލާކުވަމުން: ހުތުބާ

Share on twitter
Share on facebook
Share on twitter
Share on facebook

މީސްތަކުން އިސްލާމްދީނާ ދުރުހެލިވަމުން ދިޔަވަަރަކަށް އެމީހުންގެ އަގީދާއާއި އަހުލާގު ނުބައިވެ، އެބަޔަކު ހަލާކުވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“އިސްލާމް ދީނުގެ މަތިވެރި ނިއުމަތް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ދިވެހިންނަށް ދެއްވިކަމަށްޓަކައި އެކަލާނގެއަށް އަޅަމެން ޝުކުރު ދަންނަވަންޖެހޭ ކަމަށެވެ. އެއީ ޖާހިލުކަމާއި ޝިރުކުގެ އަޅުވެރިކަމުން އަޅަމެން ސަލާމަތްކޮށްދެއްވައި، ހައްގު ދީނުގެ އަހުލުވެރިން ކަމުގައި ލައްވައި، ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިން ކަމުގައި ވެވޭނެ މަގު ތަނަވަސްކޮށްދެއްވީތީ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މިއަދު ދުނިޔެ ހޯދާފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ހަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި އަރާމުތައް ލިބެމުން ދިޔަނަމަވެސް އިސްލާމް ދީނުގެ އިލްމާ ދުރުވެއްޖެނަމަ އޭނާއަށް ބޭނުންވާ ރޫހާނީ ކާނާތައް ދާނީ މަދުވަމުން ފަގީރުވަމުން ކަމަށެވެ.

އެހެންކަމުން އިސްލާމް ދީނުގެ އަގުތައް މިއަދު މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަން ޖެހިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އިންސާނާގެ ހަޔާތަށް ހިތްހަމަޖެހުމާއި ބާއްޖަވެރިކަން ގެނެސްދީ، ހިތްތަކުގައި އެކުވެރިކަމާއި އޯގާތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ޝުއޫރުތައް އަށަގެންނެވުމަށްޓަކައި އިސްލާމް ދީނުގެ ހަމަތަކުގައި ހިފުމަށް ގޮވާލިއެވެ.

ހުތުބާގައި އިތުރަށް ބުނީ، މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާތީ އާއި ސައްތައިން ސައްތަ ސުންނީ ގައުމަކަށްވާތީ އެކަމާވެސް ހަސަދަވެރިވާ ބަޔަކު އުޅޭ ކަމަށެވެ. އަދި މިހާރަކަށް އައިސް މި ގައުމުގެ ބައެއް މީހުންގެ ފުށުން އިސްލާމް ދީނާ ދެކޮޅު އަމަލުތައް ފެންނަ ކަމަށް ބުންޏެވެ.

އެގޮތުން މީހުންގެ މުދަލަށް ގެންލުންދިނުމާއި މީހުން މެރުމާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލުމާއި ދީނާމެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް ހިންގުމަކީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށާއި ކިތަންމެ މަދުން ނަމަވެސް، ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅޭ ކަމީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވަނީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ އަމްނުއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކުގެ ދަށުން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި އިސްލާމީ ޝިއާރުތަކަށް ޖޯކު ޖަހައި ދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާ މެދު ޝައްކު އުފެއްދުން ފަދަ ކުށްވެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އަޅައި، އެފަރާތްތަކުގެ ގާނީ ޒިންމާ އަދާކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލައިފައެވެ.

އަދި ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމުގެ ލަގަން އޮތީ މާތް ﷲ ރުއްސަވާ ދީނުގައި ހިފެހެއްޓި މިންވަރެއް މަތީގައި ކަމަށާއި އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ބަޔަކު ކަމުގައިވާންޖެހޭ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.