Sat, 22 January, 2022, 7:51 pm
ވެލާނާގޭގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން --- ފޮޓޯ: ދަ އެޑިޝަން

ސިވިލް ސާވަންޓުން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އިންޒާރު ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރަނީ

Share on twitter
Share on facebook
Share on twitter
Share on facebook

ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މީގެ ހަތް އަހަރު ކުރިން ހެދި ދިވެހި ސިވިލް ސާވިސް ގަވާއިދުގައި ބުނެފައިވާ ގޮތުން، މަސައްކަތުގެ ވަގުތުގައި ނުވަތަ އެ މުވައްޒަފެއްގެ މަސައްކަތު ގަޑީގައި ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުމަކީ ދެވަނަ އަދި ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

އެގޮތުން ދެވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ އިސްލާހުވުމަށް ފުރުސަތުދީ ތަކުރާރުވާނަމަ، ވަޒީފާގެ ފަންތީގައި އެ މުވައްޒަފެއްގެ މަގާމު ދަށްކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވަކި މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އެންގިދާނެ ކަމަށާއި ނުވަތަ ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެކަން އަންގައި އިންޒާރު ކުރެވޭނެ ކަމަށްވެ އެވެ.

ތިން ވަނަ ދަރަޖައިގެ ކުށެއް ކޮށްފިނަމަ އަދަބަކީ، އެކުށެއްގެ ކުޑަ ބޮޑު މިނަށް ބަލައި ވަޒީފާގެ ފަންތި ދަށްކުރުން، ވަޒީފާއަށް ނުކުތުން މަނާ ކުރުން ނުވަތަ އެންމެ ފުރަތަމަ ފަހަރުވެސް ގަވާއިދުގައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކުރުމެވެ.

ނަމަވެސް އިއްޔެ ގެޒެޓު ކުރި އިސްލާހުގައި ބުނެފައި ވަނީ، މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށެވެ.

އޭގެ އިތުރުން މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމާއި މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުމަކީވެސް ވަޒީފާއިން ވަކިކުރެވޭނެ ކަމެއް ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުން އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެކެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމާއި ސިޔާސީ ބަހުސް ކުރުމަކީ ދެވަނަ ދަރަޖައިގެ ކުށެކެވެ. މިއީ މީގެ ކުރިން އޮތް ގަވާއިދުގައިވެސް އެފަދަ އަމަލުތަކަށް ކުށުގެ ދަރަޖަ ކަނޑައެޅިފައިވާ ގޮތެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.