Fri, 21 January, 2022, 6:34 am
ޕީޕީއެމްގެ ޖަލްސާއެއްގައި ކުރީގެ ހައުސިން މިނިސްޓަރު އަދި އެޕާޓީގެ ނައިބު ރައީސް ޑރ. މުއިއްޒު --- ފޮޓޯ/ ޕީޕީއެމް

ގުޅީފަޅަކީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫނޭ ބުނީ އޭރުގެ ޕޮލިސީ އޮތް ގޮތުން: މުއިއްޒު

Share on twitter
Share on facebook
Share on twitter
Share on facebook

ގުޅީފަޅަކީ މީހުން ދިރިއުޅެން ކަމުދާ ތަކެއް ނޫނޭ ބުނީ އޭރުގެ ޕޮލިސީ އޮތް ގޮތުން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“އަވަސް” ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރައީސް އިބްރަހީމް މުހައްމަދު ސޯލިހުއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ދެކެވުނު ބައެއް ވާހަކަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ، ގުޅީފަޅަކީ ޕޯޓު އަޅަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ރައީސްގެ އަރިހުގައި ދެންނެވި ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމަށް ވެފައި، އެކަން ހައްލުކުރެވޭނެ ގޮތަކީ ގުޅީފަޅުން މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުން ކަމުގައި ރައީސްއަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަހު، ގުޅީފަޅަކީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫންކަމަށް ވިދާޅޫވެ 2015ގައި ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުއްވާފައި ވާކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި ކަމަށެވެ. އަދި އޭރު އެހެން ބުނީ އޭރުގެ ޕޮލިސީ އޮތް ގޮތުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން، އޭރުގެ ޕޮލިސީއަކީ ގުޅީފަޅަކީ “ލައިޓް އިންޑަސްޓްރިއަލް ޒޯން”އަކަށް ހެދުން ކަމަށާއި، އެގޮތަށް ނިންމީ ކައިރީގައި އޮތް ތިލަފުއްޓަކީ ކުނި އަންދާ ތަނަކަށް ވުމުން، ގުޅީފަޅުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުނި އެންދުމުގެ މައްސަލައަށް އޭރު ހައްލެއް ނެތް ކަމަށާއި، އިންސިނެރޭޓަރު ބަހައްޓައިގެން ދުން ނާރާގޮތަށް ކުނި އަންދަން ނިންމައި ކުނީގެ މައްސަލައަށް ހައްލެއް ފެނުނީ 2018 ވަނަ އަހަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެ ހައްލު ހޯދުމާއެކު ޕޮލިސީ ބަދަލުވިކަމަށެވެ. އަދި ގުޅީފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކަށީގެންވާ ތަނެއް ކަމަށް ނިންމި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ޕޮލިސީ ބަދަލުވީމަ އެ ބަދަލޭ ދެން އައީ. އެހެންވީމަ އެއީކީ އަޅުގަނޑުމެން ކަމެއް އޮޅުވާލީކީއެއް ނޫނޭ. ހާލަތު ބަދަލުވީއޭ. ހާލަތު ބަދަލުވީމަ ދެން އެ ބަދަލާއެކީ ކުރިއަށް ދިއުމެއް ނޫންހޭ އޮންނާނީ” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި ބޮޑެތި ވެއާހައުސްތަކަށް ޖާގަ ދޭން ނުޖެހޭ ކަމަށެވެ. އަދި އެ ވެއާހައުސްތައް ތިލަފުއްޓަށް ބަދަލު ކުރެވޭތޯ ބައްލަވާނެ ކަމަށާއި ފަޅުގެ ބާކީ އޮތް ބައި ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ބޭނުން ކުރެވޭނެ ގޮތަކަށް ޕްލޭން ބަދަލު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.