Thu, 8 December, 2022, 11:53 am
ދިއްދޫ ރައްޔިތުން އެރަށަށް އެރި ރާގޮނޑި އައިނު ހިފަން ނުކުމެ -- ފޮޓޯ: ފޭސްބުކް / ދިއްދޫއޮންލައިން

ދިއްދޫއަށް ރާގޮނޑީގެ އީދެއް، އެންމެ ދުވަހަކުން 9000 އަށްވުރެ ގިނަ މަސް ހިފައިފި

ހއ. ދިއްދޫ ހުޅަނގު ފަރާތަށް އެރި ރާގޮނޑި އައިނެއް، އެ ރަށު ރައްޔިތުން ނުކުމެ ހިފައިފިއެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު “ހަފްތާ” އަށް ވިދާޅުވީ، އެ ރާގޮނޑު އައިނު އެ ރަށު ހުޅަނގު ފަރާތު ފަޅު ތެރެއަށް ވަނީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ. އަދި އެއީ އެ ރަށުގައި އަލަށް ހިއްކި ސަރަހައްދު ކަމަށް ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، އެ ރާގޮނޑި އައިނު ހިފާފައި ވަނީ އެ ރަށު ކުދިބޮޑު އެންމެން ނުކުމެ ކަމަށެވެ. އަދި ފަޅިތެރެއަށް ވަނީ ފުދޭ ވަރަކަށް ބޮޑު އައިނެއް ކަމަށާއި، މަސް ހިފައި ނިންމާލެވުނީ ހަވީރު 4:30 ވެސް ވީ ފަހުން ކަމަށް ވިދާޅުވިއެވެ.

ރާގޮނޑި އައިނުން އެ ރަށު ރައްޔިތުންނަށް 9،054 މަސް ލިބުނު ކަމަށް ރަޝީދު ވިދާޅުވިއެވެ. 5،000 މީހުންގެ އާބާދީގެ އެ ރަށުގައި ހުންނަނީ 12،000 ގެއެވެ. އަދި އެ ހުރިހާ ގެތަކަށް ރާގޮނޑި ބަހައި ނިންމާފައި ވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މިއީ އެރަށަށް މިހާ ބޮޑުކޮށް އައިނެއް އެރި ފުރަތަމަ ފަހަރު ކަމަށެވެ. އެރަށަށް އެގޮތަށް މަސް އައިނުތައް އަރައި އުޅޭ ވާހަކަ ދުވަސްވީ މީހުން ބުނެ އުޅޭ ކަމަށާއި، އެހެން ނަމަވެސް މިއީ މިފަހަކަށް އައިސް މިގޮތަށް އެރި ފުރަތަމަ އައިނު ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.