ކ. މާފުށީ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރު ވެއްޖެއެވެ.
އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، އެ މަސައްކަތް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެ މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މާފުށީ ޕިކްނިކް އައިލެންޑުގެ މަޝްރޫއަކީ ޕިކްނިކް އައިލެންޑުގެ ގޮތުގައި އެމްޓީސީސީން ބިން ހިއްކާ ތިންވަނަ މަޝްރޫއެވެ. އެގޮތުން، އެމްޓީސީސީން މީގެ ކުރިން ވަނީ ކ. ގުރައިދޫ ޕިކްނިކް އައިލެންޑެއް ހިއްކާފައެވެ. އަދި ކ. ކުޑަރިކިލުގެ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމުގެ މަޝްރޫއު މި މަހުގެ ހަވަނަ ދުވަހު ވަނީ ފަށާފައެވެ.
މިހާރުވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ އެމްޓީސީސީން މި އަހަރުގެ މިހާތަނަށް 19 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އެމްޓީސީސީ އުފެދުނީއްސުރެ އެ ކުންފުނިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.