Fri, 30 September, 2022, 6:30 pm

ޓްރީޓޮޕްގެ ނަރުހަކު ކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން ސިއްރު ކުރުމުން ސީއޯއޯ އާދިލްއަށް ދައުވާކުރަނީ

ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއްގެ ފަރާތުން ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގިހުރެ، އެ މައުލޫމާތު ސިއްރުކުރި މައްސަލައިގައި އެ ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާއަށާއި އިތުރު ދެ މީހަކަށް ދައުވާ އުފުލައިފި އެވެ.

އެމީހުންނަށް ދައުވާ އުފުލީ ޑިސެމްބަރު 22، 2020 ވަނަ ދުވަހު، ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ ރޮމާ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ، އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ނުކުރި މައްސަލަ އެވެ. އަދި އެކަން ކުރި ނަރުސް މީހާ ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ފުރުވާލައިފަ އެވެ.

އެގޮތުން މި މައްސަލައަކީ އާންމު ފަރާތަކުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، މިއަހަރުގެ މާޗު މަހުގެ ތެރޭގައި ތަހުގީގުކުރުމަށް ފުލުހުންނަށް އަމުރުކުރި މައްސަލައެކެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި އާދިލްގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ ތ. ގުރައިދޫ/ ކޮވެލިގެ، އާމިނަތު ސުހާ އަދި ސ. ހުޅުދޫ/ ޑޭޒީވިލާ، ނަޒީރާ ނަޖީބުގެ މައްޗަށް ކަމަށެވެ. އެ ދެމީހުންނަކީ ޓްރީޓޮޕް ހޮސްޕިޓަލްގެ “ސްޕެޝަލް ކޮމިޓީ އޮން ވާކްޕްލޭސް ބުލީން އެންޑް ހެރަސްމެންޓް”ގެ މެންބަރުންނެވެ. އަދި އޭރު އާދިލު ހުންނެވީ ހޮސްޕިޓަލުގެ ހިއުމަން ރިސޯސަސް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ ތިން މީހުންނަށް އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.