Sat, 22 January, 2022, 8:12 pm

ދެ މަހުގެ ޔައިލްގެ މަރު: އަރާމު ނިންޖަށް ފަހުނޭވާ ދޫކޮށްލީ، ހީހީފައި އުޅުމަށްފަހު

Share on twitter
Share on facebook
Share on twitter
Share on facebook

މީގެ ދެ މަސް ކުރި އެވެ. ނ. މަނަދޫއަށް އުފަން ހަނާ އިބްރާހީމްއާއި މުހައްމަދު ޔާސިރުގެ އަލަތު ދަރިފުޅު ޔޫސުފް ޔައިލް ޔާސިރު ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލި އެވެ. ދުވަސްފުރާ ވިހެއި ނަމަވެސް، އެކުއްޖާގެ ކަންފަތް ރަނގަޅަކަށް އުފެދިފައެއް ނެތެވެ. އަނގައިގެ މަތީ ނަތިވެސް ނެތުމުން ކުއްޖާއަށް ކާންދެމުން ދިޔައީ ހޮޅި ގުޅައިގެންނެވެ.

ދުވަސްތައް މިހެން ގުނަމުންގޮސް، މިދިޔަ މަހުގެ 29 ވަނަ ދުވަހެވެ. ޔައިލްއަށް ކާންދޭން ގުޅާފައި އިން ހޮޅިއަށް ދިމާވި މައްސަލައަކާ ގުޅިގެން ރަށު ހެލްތު ސެންޓަރަށް ދިޔަ އެވެ. އޭރު ހޮޅި ލުއްސިގެން އައުމުން، ނޭފަތުން ދިޔައީ ލޭ އަންނަމުންނެވެ. އާންމު އުސޫލުން ޔައިލް ކޮވިޑަށް ޓެސްޓުކުރި އެވެ. އޭރު ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ. ނަމަވެސް ކުއްޖާއަށް އިތުރު ފަރުވާ ބޭނުންވާތީ، ދެން ދިޔައީ ރ. އުނގޫފާރު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ކުއްޖާއަށް ގުޅާފައިވާ ހޮޅި މާބޮޑު ކަމަށް ބުނެ، އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށް ރިފާކޮށް، ހަމަ އެ ދުވަހު ޔައިލް މާލެ ގެނަ އެވެ.

ޔައިލްގެ މަންމަ ފަރާތު ކާފަ އިބްރާހިމް ޔޫސުފް “ހަފްތާ” އަށް ކިޔައިދިން ގޮތުގައި، ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗުން ކުއްޖާއާއި ކުއްޖާގެ މަންމަ އަދި ބައްޕަ ޓެސްޓުކުރި އެވެ. ނަމަވެސް ޓެސްޓު ކުރީ ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރެގެންނެއް ނޫނެވެ. ހަމަ ރޫޓިން ޓެސްޓެކެވެ. ނަމަވެސް ޓެސްޓުގެ ނަތީޖާއިން ތިން މީހުންގެ ކުޑަ އާއިލާވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެހެންކަމުން އެމީހުން ބަދަލުކުރީ ފަރުކޮޅުފުށީގައި ހުންނަ ކޮވިޑު ފެސިލިޓީއަށެވެ. އެއީ ޔައިލްގެ ހާލުވެސް އޭރު ރަނގަޅުވެފައިވާތީ އެވެ. އަދި ޔައިލްއާއި ހަނާ އަދި ޔާސިރުގެ ފަރާތުންވެސް އޭރު ކޮވިޑުގެ އަލާމާތެއް ނުފެނެ އެވެ.

މިއަދަކީ ޔައިލްްއާއެކު ހަނާ އަދި ޔާސިރު ފެސިލިޓީގައި ހޭދަކުރި 11 ވަނަ ދުވަހެވެ. ދެމީހުންވެސް ތިބީ ދަރިފުޅާއެކު އަވަހަށް ރަށަށް ދެވޭނެ ކަމުގެ އުންމީދުގަ އެވެ. މިއަދު ހެނދުނު 10:00 ހާއިރުވެސް ކުއްޖާގެ ހާލު ރަނގަޅެވެ. ކާފަ ދަރިފުޅު ދެކިލާހިތުން ތިބި މާމައާއި ކާފަ ގުޅި އިރު ޔައިލްއަށް އޮތީ ނިދިފަ އެވެ.

“ހެނދުނު އޭރު ގުޅިއިރު ބުނީ މިއުޅެނީ ސައިބޯން ދާށޭ. ދަރިފުޅު އޭރު ނިދާފައޭ އޮތީ. ސަކަރާތް ޖަހަޖަހާފަ ހީހީފަ ދެންމެއޭ އެ ނިދީ” އިބްރާހީމް ކިޔައިދިނެވެ.

ނަމަވެސް އެ ކޯލަށް މާގިނައިރެއް ނުވެއެވެ. އިބްރާހީމުގެ ފޯނަށް ހަނާ ގުޅިއެވެ. ނަމަވެސް ހަނާއަށް އޭރު ވާހަކަ ދެއްކޭ ގޮތެއް ނުވެ އެވެ. ވެގެން އުޅޭ ގޮތެއް ބުނެއެއް ނުދެވުނެވެ. ހަމަ ރޮނީ އެވެ. ފޯނުން ދެން ޖަވާބު ދިނީ ހަނާ ކައިރީގައި ހުރި އެހެން މީހެކެވެ. ޔައިލްގެ ނޭވާ ހުއްޓިގެން ކުއްލި ގޮތަކަށް ހުޅުމާލޭ ކޮވިޑު ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް އެމީހާ ބުންޏެވެ.

ޔައިލް ގޮވައިގެން ހުޅުމާލޭ ފެސިލިޓީއަށް ދިޔައީ ޔާސިރެވެ. ހަނާ އެތަނަށް ގެންދިޔައީ، ދަރިފުޅު ނިޔާވި ހަބަރާއެކު ދަރިފުޅުގެ ފުރާނަ ނެތް ހަށިގަނޑު ދައްކާލުމަށެވެ. ނަމަވެސް ޔައިލްއަށްވީ ގޮތެއް ސާފެއް ނޫނެވެ. އެކަން އެޗްޕީއޭއަކުންވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެއީ ކޮވިޑް މަރެއް ނޫންކަން ކަށަވަރު ކޮށްދިނެވެ.

ޔައިލްގެ މާމަ ގަމަރުއްނިސާ ބުނި ގޮތުގައި، ޔައިލް މަރުވީ ހިތް ހުއްޓިގެން ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ދިނީ ޔާސިރު ކަމަށާއި ނަމަވެސް އެކަމުގެ ތަފުސީލު އެނގޭ ވަރަށް އާއިލާގެ އެއްވެސް މީހަކަށް ވާހަކައެއް ނުދެއްކޭ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.