Tue, 4 October, 2022, 11:15 am
ސްޓެލްކޯގެ އެމްޑީ މުޣުނީ ---

އޭޝިއާގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ލިބުނު ފުރަތަމަ ދިވެއްސަކަށް މުޣުނީ

އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ، މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންފި އެވެ. މިއީ އެ އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެ އެވޯޑު މުޣުނީއަށް ލިބިވަޑައިގަތީ، އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގުރޫޕުން އިންތިޒާމްކޮށްގެން ދޭ “އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021″ގަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގުރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލުކޮށްފަ އެވެ.

އެވޯޑް ލިބުމާ ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި ތަފާތުދައްކައި ގަދަ ހިތްވަރާއެއްކޮށް މަސައްކަތްކޮށް، އިލްމާއި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

“ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ” މުޣުނީ ވިދާޅުވި އެވެ.

އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް މުޣުނީއަށް ލިބިވަޑައިގެންފައިވާ އިރު، މީގެ ކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ “އެގްޒެމްޕްލަރީ ލީޑާ އޮފް ދި އިޔާ” އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ “އިމާޖިން ލީޑާ އޮފް ދި އިޔާ”ގެ އެވޯޑްވެސް ލިބިވަޑައިގެންފަ އެވެ.

މުޣުނީއަށް އެވޯޑު ލިބިވަޑައިގެންފައި ވަނީ ފާއިތުވެދިޔަ ތިން އަހަރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިއާއި އަޅާބަލައި އިރު، ތިން އަހަރުގެ ތެރޭ ކުންފުނި ކުރިއަރައި ގެންގޮސްފައިވާ ސްޕީޑާ ގުޅިގެންނެވެ.

އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ “އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން” ގެ އެވޯޑް ސްޓެލްކޯއަށް ވަނީ ލިބިފަ އެވެ.

އޭގެ އިތުރުން ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީއެމްޑީއޭ އިން ދޭ “ސީޖީ އެފޯޓްސް އެވޯޑް” ލިބިފައިވުމަކީވެސް މުޣުނީއަށް އެވޯޑް ލިބިވަޑައިގެންނެވި ކަމެކެވެ.

މުޣުނީއަށް އެ އެވޯޑު ލިބިވަޑައިގެންފައިވާ އިރު، ކުންފުނީގެ ކޯޕަރޭޓް ގަވަނެންސް ރަނގަޅު ކުރުމުގެ ގޮތުން، ދެފުށް ފެންނަ ސިޔާސަތުތަކެއް ކުންފުނީގެ އެތެރޭގައި ގާއިމުކޮށް، ބޯޑު ޑިރެކްޓަރުން ހިމެނޭ ގޮތަށް ކުންފުނީގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި މަސްލަހަތު ފުށޫއަރާފަދަ ކަންކަމުން އެކަހެރިވުމާއި ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިން ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ.

އަދި ކޮވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި މުވައްޒަފުންގެ ރައްކާތެރިކަމާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުމާއި ސްމާޓް މީޓަރާއި ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ދަނީ ބޭނުން ކުރަމުންނެވެ.

އޭގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިން ސޯލާ ޕޮޑް ތައާރަފުކުރުމާއި ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެ ތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕް ހުޅުވުންވެސް ހިމެނެ އެވެ.

އަދި ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުމާއި ކަސްޓަމަރުންނަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޖަނަރޭޓަރުގެ ސްޕެއާ ގެނެސް “ސްޓެވޯ”ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރުމަކީވެސް މުޣުނީގެ އެމްޑީ ކަމުގައި މިދިޔަ ތިން އަހަރު ސްޓެލްކޯއިން ހާސިލުކޮށްފައިވާ ކަންކަމެވެ.

އެއާއެކުވެސް ތިމާވެއްޓަށް ގެއްލުން ދޭ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއްގައި ބޭނުންކުރުން މަނާކުރުމާއި އެތަކެތީގެ ބަދަލުގައި ބޭނުން ކުރާނެ ފުޅިއާއި ޓޯޓްބޭގް ފަދަ ތަކެތި މުވައްޒަފުންނަށް ފޯރުވައިދިނުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއްކޮށް، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑާއި “ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ” އެވޯޑްވެސް 2020 ވަނަ އަހަރު ސްޓެލްކޯއަށް ލިބިފައިވެ އެވެ.

އޭގެ އިތުރުން، އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދެމުން ގެންދާ ހިދުމަތްތަކާއި އަންހެނުން ބާރުވެރިކުރުވައި، ކަރަންޓުގެ ދާއިރާއަށް އަންހެނުން ނިކުތުމަށް ހިތްވަރުދީ، ހިންގާ ތަފާތު ޕްރޮގްރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯއިން ފަހިކޮށްދީފައިވާ ފުރުސަތުތައްވެސް މުޣުނީއަށް އެ އެވޯޑު ދިނުމުގައި ބަލާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.