Fri, 30 September, 2022, 6:58 pm

ލަދުވެތި ބައްޔަށްފަހު އޮލޭ އައުޓްކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގައި ވޮޓްފޯޑު އަތްދަށުވެ ލިބުނު ލަދުވެތި ބައްޔާއެކު ކްލަބުގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ މަގާމުން ވަކިކުރަން ނިންމައިފި އެވެ.

ކޯޗު ސޮލްޝެއާ ބޭރު ކުރުމަށް މީސް މީޑިއާގައި “އޮލޭ އައުޓް”ގެ ހޭޝްޓެގާއެކު ބޮޑު ކެމްޕޭނެއްވެސް ހިންގަމުން ދަނިކޮށް، ރޭ ވޮޓްފޯޑުގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފަ އެވެ. ހާއްސަކޮށް، އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ ދަށް ކުޅުމެއް ފެނިފަ އެވެ.

މީޑިއާ ރިޕޯޓައް ބުނާ ގޮތުން، ރޭގެ މެޗަށްފަހު ޔުނައިޓެޑުގެ ބޯޑުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ވަރަށް ގިނަ އިރު މަޝްވަރާކޮށްފަ އެވެ. އަދި އެ މަޝްވަރާތަކަށްފަހު އޮލޭ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓައް ބުނެފައިވެ އެވެ.

ނަމަވެސް އެކަން މީޑިއާއަށް ރަސްމީކޮށް އިއުލާން ކުރަން ނިންމާފައި ވަނީ ދެފަރާތުގެ ދެމެދު މަޝްވަރާކުރުމަށްފަހު އެއްބަސްވި ގޮތެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އޮލޭ މަގާމުން ވަކިކުރުމުން އޭނާއަށް ދޭންޖެހޭ ބަދަލާ ގުޅޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރާނެ ކަމަށްވެ އެވެ.

އޮލޭ ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ޔުނައިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި އޭނާއަށް 7.5 މިލިއަން ޕައުންޑުގެ ޕެކޭޖެއް ދޭންޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.