Fri, 21 January, 2022, 6:32 am
އެމްއާރުއެމްގެ ޒައީމް އަދި ރައީސްއާއެކު އެޕާޓީގެ ހިންގާ ކޮމިޓީގެ މެމްބަރުން ---

ޕާޓީގެ އިސް ސަފުން އަންހެނުންނަށް ފުރުސަތު ދިން ފުރަތަމަ ޕާޓީއަކީ މިއީ: އެމްއާރްއެމް

Share on twitter
Share on facebook
Share on twitter
Share on facebook

ޕާޓީގެ އިސް ސަފުގައި އަންހެނުންނަށް ފުރުސަތު ކަށަވަރުކޮށްދިން ފުރަތަމަ ސިޔާސީ ޕާޓީއަކީ އެމްއާރްއެމް ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްއާރުއެމުން އެހެން ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އަންހެނުންނަށް ވަކި އަދަދަކަށް މަގާމުތައް ހާއްސަކުރަން ލާޒިމްވާ ގޮތަށް ގާނޫނީ އިސްލާހުތައް ގެނައުމަށް، އަންހެނުންނާ މެދު ކުރާ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ.ގެ މުއާހަދާ (ސީޑޯ)ގެ ކޮމިޓީން ދިވެހި ސަރުކާރަށް ހުށަހެޅުމުން އެޕާޓީން ކުރި ޓުވީޓެއްގަ އެވެ.

އެމްއާރުއެމުން ބުނީ، އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ދެ ނައިބު ރައީސުންގެ މަގާމުގެ ތެރެއިން އެއް ނާއިބު ރައީސްގެ މަގާމު ހާއްސަކުރެވިފައި ވަނީ އަންހެނެކަށް ކަމަށެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ 50 ޕަސެންޓާއި ޒުވާނުންގެ ހަރަކާތުގެ ކައުންސިލުގެ 50 ޕަސެންޓް ގޮނޑިވެސް ހާއްސަ ކުރެވިފައިވަނީވެސް އަންހެން މެންބަރުންނަށް ކަމަށް ބުންޏެވެ.

ސީޑޯ ކޮމިޓީން ރާއްޖޭގެ ހާލަތު ބެލުމަށް ފަހު ފާސްކޮށް، އާންމުކޮށްފައިވާ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ވަނީ ސިޔާސީ ދާއިރާއާއި އާއްމު ހިދުމަތުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ލިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ވަގުތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ބާރުއަޅައިފަ އެވެ.

އަދި ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުން ފިޔަވައި، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައިވެސް އަންހެނުންނާ މެދު ތަފާތުކުރުން ހުއްޓުވުމަށް، ހާއްސަ ފިޔަވަޅެއް ރާއްޖެ އިން އަޅާފައި ނުވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެގޮތުން ސަރުކާރަށް ސީޑޯގެ ކޮމިޓީން ވަނީ ރެކޮމެންޑޭޝަންތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމަށް ގާނޫނަށް އިސްލާހުތައް ގެނައުމަށާއި އަންހެނުންގެ ކެމްޕެއިންތަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ނިންމުންތައް ނިންމާ ފެންވަރުގަ އާއި ލީޑަޝިޕްގެ މަގާމްތަކުގައި އަންހެނުން ހަމަހަމައަށް ތަމްސީލްވާކަން ކަށަވަރުކުރުމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރުމަށާއި ރައްޔިތުންގެ މަޖިލީހުން އަންހެނުންނަށް ކޯޓާ ކަނޑައެޅުމަށް މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނު އިސްލާހުކުރުމަށް އަދި ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރާ އަންހެނުން އިތުރުކުރުމަށްވެސް ލަފާދީފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.