Tue, 18 January, 2022, 4:04 am

ބޮޑު މޮޅަކާއެކު ލިވަޕޫލް ދެވަނަ އަށް، އާސެނަލް މޮޅުވެ ހަތަރުވަނައާ ގާތަށް

Share on twitter
Share on facebook
Share on twitter
Share on facebook

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ނިއުކާސަލް ޔުނައިޓެޑް ބަލި ކުރި އިރު، ލިވަޕޫލުން ސައުތެމްޓަންގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.

ލިވަޕޫލުން މިރޭ ސައުތުހެމްޓަން ބަލިކުރީ 4-0ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ.

އެއް ވަނައިގައި 12 މެޗުން 29 ޕޮއިންޓު ހޯދައިގެން ޗެލްސީ އޮތް އިރު، ލިވަޕޫލަށް ދެވަނަ ލިބެނީ 13 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް ލިބިފައި ވަނީ 12 މެޗުން 26 ޕޮއިންޓެވެ.

ނަމަވެސް މާދަމާ ރޭ ކުޅޭ މެޗުތަކުން މި ނަތީޖާއަށް ބަދަލު އަންނާނެ އެވެ. އެގޮތުން ޗެލްސީ މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ އިރު، ސިޓީ ކުޅޭނީ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ފެށިތާ ދެވަނަ މިނެޓު ތެރޭގައި ލިވަޕޫލުން ލީޑު ނެގި އެވެ. އޭރިއާގެ އަރިމަތިން ރޮބާޓްސަން ދިން ބޯޅަ ގޯލަށް ވައްދާލައިގެން އެ ގޯލު ކާމިޔާބު ކުރީ ޑިއޯގޯ ޖޮޓާ އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ލިވަޕޫލުގެ ދެވަނަ ގޯލުވެސް ޖެހީ ޖޮޓާ އެވެ. މިއީ ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހު ގޯލު ކުރިމައްޗަށް ދިން ބޯޅައަކުން ޖޮޓާ ޖެހި ގޯލެކެވެ. ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީވެސް ގޯލަކުންނެވެ. އެ ގޯލު ކާމިޔާބު ކުރީ ތިއާގޯ އަލްކަންޓާރާ އެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ގޯލު ދެ ވަނަ ހާފުގައި ކުރީކޮޅު ކާމިޔާބު ކޮށްދިނީ ވާޖިލް ވެން ޑައިކެވެ. އެއީ ޓްރެންޓް އަލެކްސަންޑަ އާނޯލް ނެގި ކޯނަރަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ކަމުގައި ވިޔަސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ، ހުސް ގޯލަކަށް ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެޗުގައި އާސެނަލް އަށް ލީޑު ނަގައި ދިނީ ނޫނޯ ޓަވަރޭސް ދިން ބޯޅައަކުން ބުކާޔޯ ސަކާ އެވެ. ނަމަވެސް އޭނާއަށް އަނިޔާވެ ބާލަން ޖެހުނު އިރު، އާސެނަލްގެ ދެވަނަ ގޯލު ޖެހީ ސަކާގެ ބަދަލުގައި ކުޅެން ނުކުތް ގެބްރިއަލް މާޓިނެލީ އެވެ.

މި މޮޅާއެކު އާސެނަލް ވަނީ ލީގުގެ ހަތަރު ވަނައާ ގާތަށް ވަނީ ޖެހިލައިފަ އެވެ. އެއީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމު ފަސް ވަނައިގައި އޮތީ ހަތަރުވަނައިގައި އޮތް ވެސްޓް ހޭމަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ އެއްވަރަށް ޕޮއިންޓް ލިބިގެންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.