Tue, 18 January, 2022, 3:22 am

72 ގަޑިއިރު ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުނުވެއްޖެ ނަމަ އަސްހަދަށް ފިޔަވަޅު އަޅަނީ

Share on twitter
Share on facebook
Share on twitter
Share on facebook

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރޭޕާއި ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ދިނީ އޭނާ ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުންނެވެ.

އަލީ ވަހީދު ފުރަން ކޯޓުން ހުއްދަ ދިނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެކަމުގެ ޔަގީންކަން ދީ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނު ކުރުވުމަށްފަހު އެވެ.

ނަމަވެސް ހަތަރު މަސް ވެގެން ދިޔަ އިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ. އަދި ބޭސްފަރުވާ ކުރިއަށް ގެންދަން ވަގުތު ބޭނުންވާތީ، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން އަލީ ވަހީދު ކުރިމިނަލް ކޯޓުގައި އެދުނެވެ.

އެ އިންތިޒާމު ކުރިމިނަލް ކޯޓުން ހަމަޖައްސައި ދީ، އޮންލައިންކޮށް ދެ އަޑުއެހުމެއް ބޭއްވި ނަމަވެސް، އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.

އަދި އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެ ކޯޓުން މައްސަލަ ނުބެލުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ، އަލީ ވަހީދަށް ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވައިފަ އެވެ. އަދި އަލީ ވަހީދުގެ ޝަރީއަތް, އޭނާ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ކުރިއަށް ނުގެންދަންވެސް އަމުރުކުރި އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ މައްސަލައިގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެންނެވެ.

އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް އަލީ ވަހީދަށް ހަމަޖައްސައިދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށް ކަމަށާއި ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުވާން އަންގައި، ހާޒިރުނުވެއްޖެނަމަ އޭނާއަށް ޖާމިނުވި އަސްހަދަށް ފިޔަވަޅު އަޅާނެކަން ގާޒީ އިއުލާން ކުރެއްވި އެވެ.

ނަމަވެސް އަސްހަދު ވިދާޅުވީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށާއި އެ މުއްދަތުގައި އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންކަމުން މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.