ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ބަންގްލަދޭޝްގެ ފޮރިން ސާވިސް އިންސްޓިޓިއުޓްގައި ތަމްރީރު ކުރުމަށް އެ ގައުމުން ދައުވަތު ދީފިއެވެ.
ބަންގްލަދޭޝްއިން އެ ދައުވަތު ދީފައި ވަނީ ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި މޮމެން ވަނީ ކޮވިޑް-19 ބަލިމަޑުކަން މެނޭޖުކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ތައުރީފް ކުރައްވައިފައެވެ. އަދި ވަކި ގައުމެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދިނުމަށް ނިންމި ނިމްމުމަށް ތައުރީފް ކުރައްވާފައި ވެއެވެ.
މޮމެން ވިދާޅުވީ ބަންގްލަދޭޝްގެ ފޮރިން ސާވިސްގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ތަމްރީނު ވުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކުރިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ދާއިރާތަކަމެދު މަޝްވަރާ ކުރައްވާފައެވެ.