ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމާ އެކު، ޔާމީން ވަނީ މިނިވަންވެފަ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ނިންމެވި ނަމަވެސް، އެ މައްސަލައިގައި ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ބަލައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށްވާ ނަމަ އެ ފައިސާއާ އެ ފައިސާ އިންވެސްޓްކުރުމުގެ ސަބަބުން ލިބިފައިވާ ފައިދާއެއް ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރި އެވެ.
އެ މައްސަލައިގައި ޔާމީން ފަސް އަހަރަށް ޖަލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ 28 ނޮވެމްބަރު 2019 ގަ އެވެ. އެ މައްސަލަ، އެންމެ މަތީ މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭޕްރިލް 19 ވަނަ ދުވަހު އެވެ.