Thu, 8 December, 2022, 2:23 pm

ފައިސާއާ މެދު ޔާމީން އަމަލުކުރީ ވެރިއެއްގެ ޒިންމާއަށް ބެލުމެއް ނެތި، އަމިއްލަ މަންފާއަށް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ޝާމިލުވާ އެސްއޯއެފް ކުންފުނިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ، އެ ފައިސާގެ ހަގީގަތާ މެދު ސުވާލުއުފެދިފައި ވަނިކޮށް އެ ފައިސާ އިންވެސްޓްކޮށް އެމަނިކުފާނު އަމަލުކުރެއްވީ، ރައީސެއްގެ ޒިންމާއަށް ބެލުމެއް ނެތި ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، އަސްލު އޮޅުވާލައި ފައިސާ ލޯންޑާ ކުރިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ.

އެ މައްސަލައިގައި ހުކުމް އިއްވަމުން މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާ ކަމަށެވެ.

އަދި އެސްއޯއެފް ކުންފުންޏަކީ ދަންނަ ކުންފުންޏެއް ނޫން ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން ޔާމީން އިންވެސްޓު ކޮށްފައިވާކަމާއި އަދި އެ އިންވެސްޓްމަންޓް ކޮށްފައި ވަނީ އަހުމަދު އަދީބު ދިން ފައިސާއެއް ކަމަށް ގަބޫލުކޮށްގެން ކަމުގައި ޔާމީން ވިދާޅުވި ނަމަވެސް، އެ ފައިސާއާމެދު ކަންތައް ކުރަންޖެހޭ ގޮތަކީ އެއީ ނޫން ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވީ، އެ ފައިސާއިން ޔާމީން އިންވެސްޓް ކުރި އިރު، އެ ފައިސާގެ ހަގީގަތާމެދު އޮތީ ސުވާލު އުފެދިފައި ކަމަށެވެ. އަދި އެ ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަހުގީގުކުރާކަން އެނގިހުރެ، އެ ފައިސާއިން އިންވެސްޓް ކުރުމަކީ ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލައިބެލުންތަކަށް ފަރުވާލެއް ނުބެހެއްޓުން ކަމަށް ވިދާޅުވިއެވެ.

“ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެކެވެ.” ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ އެ ފައިސާގެ އަސްލު ހޯދައި، ދައުލަތަށް ލިބޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އޮތް ކަމަށެވެ. އެކަމަކު އެއީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދެވިގެން ނުވާނެ ކަމަށް ބުނެ ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގުން ޔާމީނަށް އުނިކަމެއް ނާންނާނެ ގޮތަށެވެ.

މާނައަކީ އެސްއޯއެފުން ޖަމާކުރި އެ 1 މިލިއަން ޑޮލަރުގެ މައްސަލާގައި އަލުން މަނީ ލޯންޑަރިންގެ ތަހުގީގެއް ހިންގުމުގެ ޖާގައެއް ނެތުމާއި އެފަދަ ދައުވާއެއް ކުރުމުގެ ފުރުސަތު ވެސް ނެތުމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.