Thu, 8 December, 2022, 3:37 pm
"އާސްކް ސްޕީކާ"ގެ ހަތަރުވަނަ އެޕިސޯޑުގެ ތެރެއިން --

އަޅުގަނޑުގެ އެދުމަކީ 2023ގައި ރިޔާސީ އިންތިހާބެއް ނުބޭއްވުން: ނަޝީދު

2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބާއްވަން ބޭނުންފުޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލުކުރުމަށް ބާއްވާ “އާސްކް ސްޕީކާ”ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެންމެ ބޭނުންފުޅުވެގެން އަބަދުވެސް މަސައްކަތް ކުރައްވަމުން އަންނަނީ ރާއްޖޭގައި ޑިމޮކްރަޓިކް ނިޒާމެއް ގާއިމުކޮށް، އަސާސީ ހައްގުތައް ރައްކާތެރިކޮށް، ޝަރުއީ ނިޒާމެއް ފައްކާވެ، ރައްޔިތުންނަށް އިންސާފު ހޯދުމަށް ކަމަށެވެ.

އެކަންކަމުގެ ތެރެއިން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެ، ބޭސްފަރުވާ ލިބޭނެ ގޮތް ވުމާއި ތައުލީމު ހާސިލުކުރެވޭނެ ގޮތްތަކެއް ވެގެން ދިއުމާއި އިޖުތިމާއީ ރައްކާތެރިކަން އަދި އެނޫންވެސް ކަންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

“މިކަންކަން ކުރުމަށް، ގަބޫލު ކުރެވެނީ އެންމެ މުހިންމު ކަމަކީ ޑިމޮކްރަސީ ފައްކާ ކުރުން ކަމަށް. ދެން 2023 ވަނަ އަހަރުގައި ރިޔާސީ އިންތިހާބެއް ނެތުމަށް އަޅުގަނޑު އެދެނީ” ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، 2023ގެ ކުރިއަށް ރިޔާސީ ނިޒާމު ދެމިގެނެއް ނުދާނެއެވެ.

ބޮމުގެ ހަމަލާއަށްފަހު، ރާއްޖެ ވަޑައިގެން ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެކި ޕާޓީތަކާއެކުވެސް އެމަނިކުފާނު މަޝްވަރާ ކުރައްވާފައިވެ އެވެ. ނަމަވެސް އެ ބައްދަލުވުންތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރައްވަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.