Tue, 18 January, 2022, 3:35 am
ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

ރޮނާލްޑޯ 800 ގޯލު ހަމަކޮށް ރެކޯޑް ހެދި މެޗުން ޔުނައިޓެޑަށް މޮޅެއް

Share on twitter
Share on facebook
Share on twitter
Share on facebook

ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 2-3 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި 800 ވަނަ ގޯލު ހަމަކޮށްފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު, އެ ޓީމު ވަނީ 21 ޕޮއިންޓާއެކު ހަތް ވަނައަށް ޖެހިލައިފަ އެވެ. އާސެނަލް އޮތީ 23 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ރޭ ކުޅުނު މެޗަށްފަހު އޭނާ ވަނީ, ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި 15 އަހަރު ހޭދަކުރުމަށްފަހު ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ މިއަދުން ފެށިގެން ހަވާލުވާނީ ޖަރުމަނުގެ ކޯޘު ރަލްފް ރަންގްނިކެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އާސެނަލް އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅައަކުން އެ ގޯލު ކާމިޔާބު ކުރީ އެމީލް ސްމިތުރޯ އެވެ. އޭނާ އެ ގޯލު ޖެހި އިރު, ޔުނައިޓެޑުގެ މިޑްފިލްޑަރު ފްރެޑުގެ ފައިން ޖެހި, ކީޕަރު ޑޭވިޑް ޑެހެއާ އަށް އަނިޔާވެގެން އޮތީ ގޯލު ކުރިމައްޗަށް ވެއްޓިފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު މެޗުގެ ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފަ އެވެ.

އެ ގޯލާއެކު އާސެނަލް އިން ހާފު ނިންމާލަން ދަނިކޮށް, ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 44 ވަނަ މިނެޓުގަ އެވެ. އެއީ ފްރެޑު ދިން ބޯޅައަކުން ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. ރަސްޕޯޑު ދިން ބޯޅައަކުން ރޮނާލްޑޯ ކާމިޔާބު ކުރި އެ ގޯލަކީ އޭނާގެ ކެރިއަރުގައި ޖެހި 800 ވަނަ ގޯލެވެ.

ނަމަވެސް އެ ގޯލު ޖެހިތާ ދެ މިނެޓު ފަހުން އާސެނަލްގެ މާޓިން އޮޑެގާޑު ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑަށް ލީޑު ނަގައިދީ, މެޗުން މޮޅުކޮށްދިން ގޯލު ކާމިޔާބު ކުރީވެސް ރޮނާލްޑޯ އެވެ. އެއީ އާސެނަލްގެ އޮޑެގާޑް ޔުނައިޓެޑުގެ ފްރެޑަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބު ކުރި ގޯލެކެވެ.

ސްޕޯޓިންއަށް ފަސް ގޯލު ޖަހައިގެން ކެރިއަރު ފެށި ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑުގައި ހޭދަކުރި ހަ ސީޒަނުގައި ވަނީ 118 ގޯލު ޖަހައިފަ އެވެ. އަދި އެފަހުން ރެއާލް މެޑްރިޑަށް 450 ގޯލު, ޔުވެންޓަސްގައި 101 ގޯލު ޖަހާފައިވާ އިރު, ޔުނައިޓެޑަށް އަލުން ބަދަލުވެ މިހާތަނަށް 12 ގޯލު އޭނާ ވަނީ ޖަހައިފަ އެވެ.

ރޮނާލްޑޯއަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑުވެސް އޮތް ކުޅުންތެރިޔާ އެވެ. އެގޮތުން ޕޯޗުގަލްއަށް އޭނާ ވަނީ މިހާތަނަށް 115 ގޯލު ޖަހައިދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.