Fri, 30 September, 2022, 6:28 pm

އެއްވަނައިގައި އޮތް ޗެލްސީ، ވެސްޓް ހޭމްގެ އަތްދަށުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު، ވެސްޓް ހޭމުން ކާމިޔާބުކޮށްފި އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ބަދަލިވީ 2-3ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ޗެލްސީއަށް ވަނީ ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރު ހީވެފަ އެވެ.

ޗެލްސީ އެއްވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 15 މެޗުން 33 ޕޮއިންޓު ހޯދައިގެން ނަމަވެސް، ދެވަނައިގައި އޮތް މެންޗެސްޓާއާއި ތިންވަނައިގައި އޮތް ލިވަޕޫލަށް މި ހަފުތާގައި ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ، އެ ދެޓީމަށްވެސް ތާވަލުގެ ކުރިއަށް ޖެހިލާނެ އެވެ.

އެގޮތުން މެންޗެސްޓާ ސިޓީއަށް 14 މެޗުން 32 ޕޮއިންޓު ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް 14 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. މިރޭގެ މެޗުން ހޯދި މުހިންމު މޮޅާއެކު 27 ޕޮއިންޓް ހޯދައި، ވެސްޓް ހޭމް ވަނީ ހަތަރު ވަނަ މަގާމުގައި ހަމަޖެހިލައިފަ އެވެ.

ޗެލްސީން މެޗުގައި ފުރަތަމަ ލީޑު ނެގީ، 28 ވަނަ މިނިޓުގައި މޭސަން މައުންޓް ނެގި ކޯނަރަކުން ތިއާގޯ ސިލްވާ އެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ވެސްޓް ހޭމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީއަށް ހެދުނު ގޯހަކުން ވެސްޓް ހޭމަށް ލިބުނު އެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލަންޒިނީ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް، ޗެލްސީން އަނެއްކާވެސް ލީޑު ނެގި އެވެ. ޒިޔެޝް ހުރަސްކޮށްލި ބޯޅައެއް މޭސަން މައުންޓް އެ ގޯލު ކާމިޔާބު ކުރީ އެއްފަހަރުން ޖަހައި ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލީޑުގައި ޗެލްސީން ދެވަނަ ހާފަށް ނުކުތް ނަމަވެސް، ވެސްޓް ހޭމުން ދެވަނަ ހާފަށް ނުކުމެ ދެއްކި ރަނގަޅު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކުރި އެވެ. މިއީ ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި އެޓީމުގެ ޖަރޯޑް ބޯވެން ކާމިޔާބު ކޮށްދިން ގޯލެކެވެ.

މެޗުގައި ވެސްޓް ހޭމުން ފުރަތަމަ ފަހަރަށް ލީޑު ނަގައި، ޗެލްސީ ބަލިކުރީ މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށެވެ. އާތޫރު މަސުއާކޫ އަރިމަތިން ގޯލަށް ފޮނުވާލި ބޯޅަ، ގޯލުގެ ތެރެއަށް ވަނީ ޗެލްސީ ކީޕަރު މެންޑީގެ އަތުގައި ޖެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.