ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިިންމައިފި އެވެ
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއަކާއި ރިޝްވަތުގެ ދެ ދައުވާއެއް ދައުލަތުން އޮތީ އުފުލައިފަ އެވެ.
އޭގެ ތެރެއިން ފުއްގިރި މައްސަލައިގައި ޔާމީނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އޮތީ އެދިފަ އެވެ. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ވަނީ އެކަމަށް އެދުނު ސަބަބުތައް ކިޔައިދީފަ އެވެ.
އެގޮތުން ކުށެއް ކޮށްފައިވާ ކަމަށް އެކަށީގެންވާ ހެކި ލިބިފައިވުމާއި ރާއްޖެއިން ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވުމުން ކަމަށާއި އަދި އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ދިއުމުން، ޔާމީންވެސް ފިލައިގެން ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ދައުލަތުން ބުންޏެވެ.
އޭގެ އިތުރުން ޔާމީނަކީ ފިލައިގެން ރާއްޖޭން ބޭރުގައި އުޅުމުގެ ވަސީލަތެއް ނުވަތަ މާލީ ތަނަވަސްކަމެއް ހުރި މީހެއްކަމުގެ ހެއްކެއްގެ ގޮތުން އެމަނިކުފާނުގެ ބޭންކު އެކައުންޓުތަކުގެ ސްޓޭޓްމަންޓުތައްވެސް ހުށަހަޅާފައި ވާނެ ކަމަށާއި އަދި ޔާމީނަކީ ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވާތީ، އެ ކަނެެކްޝަންތައްވެސް ހުންނާނެ ކަމަށްވެސް ދައުލަތުން ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ހަވީރު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައިވާ އިރު، އެ ދެ ޕާސްޕޯޓްގެ މުއްދަތުވެސް ހަމަވެފައިވާ ކަމަށެވެ. އަދި އެކަން ދައުލަތަށް އެނގޭތޯއާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ އަދި ޕާސްޕޯޓް އާކުރާ ކޮންމެ ފަހަރަކު, ޕާސްޕޯޓު ނަންބަރު އާ ވާނެތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެމުން ދައުލަތުން ބުނީ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން އެނގޭ ކަމަށާއި ނަމަވެސް ޔާމީން ޕާސްޕޯޓެއް ހައްދަން ހުށަހެޅިޔަސް އެކަން ދައުލަތަށް ނޭނގޭނެތީ، ފުރާވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެހެން ބުނުމުން ގާޒީ އިތުރު ސުވާލުތަކެއް ދައުލަތާ ކުރެއްވި އެވެ. އެގޮތުން ދައުލަތަށް ނޭނގި، ޕާސްޕޯޓް އާ ކޮށްގެން މީހަކަށް ރާއްޖެއިން ބޭރަށް ދެވިދާނެތޯއާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން މީހަކަށް ފުރައިގެން ދެވިދާނެތޯވެސް ސުވާލު ކުރެއްވި އެވެ.
އަދި މަނީ ލޯންޑްރިންގެ މައްސަަލަތަކުގައި ދައުވާ ލިބޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައިވާނެތޯވެސް ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރައިގެން ނުދެވޭނެ ކަމަށާއި ނަމަވެސް އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެފި ނަމަ، އެ ޕާސްޕޯޓް އާކުރަން ހުށަހެޅުމުން އެކަން ދައުލަތަށް އެނގޭނެ ކަމަށެވެ. އަދި އޭރުން އާ ޕާސްޕޯޓްވެސް ހިފަހައްޓަން އެދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ
އަދި މަނީ ލޯންޑްރިންގެ މައްސަލަތަކުގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ނުވާނެ ކަމަށާއި އެކަމަށް އެދެނީ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައިގެން ކަމަށް ދައުލަތުން ބުންޏެވެ.
އެއަށްފަހު މައްސަލައިގެ އަމުރު ނެރުމަށް ބޭނުންވާ ދިރާސާތައް ކުރެއްވުމަށް 10 މިނެޓަށް ޝަރީއަތް މެނދުކަނޑާލެއްވި އެވެ.
ނަމަވެސް ދެ ގަޑިއިރަށްވުރެ ގިނައިރު ފަހުން އަލުން ޝަރީއަތް ފަށައި ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް އިސް ގާޒީ ޝަކީލު ވިދާޅުވީ، ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން އެ މަނިކުފާނު ފުރާވަޑައިގަތުމުން މަނާކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏަސް، ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ހެއްކެއް ނެތް ކަމަށެވެ.
އަދި ދައުލަތުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނު އިރު، އެދިފައި ވަނީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޔާމީން ފުރާވަޑައިގަތުމަށް އުޅުއްވާ ކަމުގެ ހެއްކެއް ނެތް އިރު، އެ މަނިކުފާނަކީ ކޯޓަށް ގަވާއިދުން ހާޒިރުވާ ބޭފުޅެއް ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ނިންމެވީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. ނަމަވެސް ޔާމީން ރާއްޖެ ދޫކޮށް ފުރަން އުޅޭކަމުގެ ހަރުދަނާ ހެއްކެއް ލިބިއްޖެނަމަ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އަލުން އެދެވޭނެ ކަމަށް ވިދާޅުވި އެވެ.